Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ދަނބު ޓޮމާޓޯ ވިއްކަން ފެހި ސިގްނަލެއް

ޖެނެޓިކް ބަދަލުތަކެއް ގެނެސްގެން ހައްދާ ދަނބު ކުލައިގެ ޓޮމާޓޯ އަށް އެމެރިކާ އިން ފެހި ސިގްނަލް ދީފި އެވެ.

އެމެރިކާގެ އެގްރިކަލްޗަ ޑިޕާޓްމަންޓުން ދިން އެޕްރޫވަލްއާ އެކީ ދެން އޮތީ އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އެކީ އިން ލިބެން ޖެހޭ ހުއްދަ ލިބުމާ އެކީ އަންނަ އަހަރުގެ ތެރޭގައި އެ ގައުމުގެ ބާޒާރުގައި ދަނބު ޓޮމާޓޯ ވިއްކަން ފެށުމެވެ. ޖެނެޓިކް ބަދަލުތަކެއް ގެނެސްގެން ހައްދާ މި ޓޮމާޓޯ އަކީ އާދައިގެ ޓޮމާޓޯތަކުން ލިބޭ ސިއްހީ ހުރިހާ ފައިދާއެއް ލިއްބައި ދިނުމުގެ އިތުރަށް، އާދައިގެ ޓޮމާޓޯ އަށް ވުރެ ގިނަ ދުބަހު ހަލާކުނުވެ ނުވެ ހުންނާނެ އެއްޗެކެވެ.

އާންމުކޮށް ޓޮމާޓޯ އަކީ ރަތް ކުލައިގެ ވެރައިޓީ ހިމެނޭ އެއްޗެކެވެ. އެހެން ވިޔަސް ޖެނެޓިކް ބަދަލުތަކެއް ގެނެސްގެން ހައްދާ ދަނބު ޓޮމާޓޯ އަކީ ފެންނަ ފެނުމަށް ވެސް އާދައިގެ ޓޮމާޓޯ ބައްޓަމުގެ ގޮތުން ވެސް މާ ބޮޑު ތަފާތެއް ނެތް އަދި ރަހައިގެ ގޮތުން ވެސް އާދައިގެ ޓޮމާޓޯއާ އެއްވެސް ތަފާތެއް ނެތް އުފެއްދުމެއް ކަމަށް މި ހައްދަން މަސައްކަތްކުރި ސައިންސްވެރިންގެ ޓީމުން ބުންޏެވެ.

ޖެނެޓިކް ބަދަލުތަކެއް ގެނެސްގެން ދަނބު ޓޮމާޓޯ ހެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވީ ކައީސްޓް އެންގްލިއާ ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ އިނގިރޭސިވިލާތުގެ ބައޯކެމިސްޓް ކެތީ މާޓިން އެވެ. އޭނަ އެ ގައުމުގެ ނޯވިޗްގެ ޖޯން އިނެސް ސެންޓަރުގެ ޕްރޮޖެކްޓް ލީޑެއް ވެސް މެ އެވެ.

މާޓިން ބުނި ގޮތުގައި ޓޮމާޓޯ އަށް ޖެނެޓިކް ބަދަލުތަކެއް ގެނެސްގެން ހެއްދުމުގެ މަސައްކަތަކީ 20 އަހަރު ދުވަހުގެ މަސައްކަތެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު މަސައްކަތެއްކުރަން ޖެހުނީ ޓޮމާޓޯ މަލުގެ ޕިގްމަންޓޭޝަނެއް ގެންނަން ޖެހޭ ބަދަލުތަކެއް ގެންނަން ކަމަށް ވިދާޅުވި އެވެ.

"ބޭނުންވީ ޕިގްމޭންޓޭޝަނަށް ގެންނަ ބަދަލާ އެކީ ވެސް ޓޮމާޓޯ އިން ލިއްބައިދޭ ހުރިހާ ފައިދާތަކަކާ އެކީ ކުލައިގެ ގޮތުން މުޅިން ތަފާތު ގޮތަކަށް ޓޮމާޓޯ ހައްދަން." މާޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަނބު ޓޮމާޓޯ އަކީ ބްލެކްބެރީ އާއި ބްލޫބެރީ އާއި އެގްޕްލާންޓް ފަދަ އެއްޗެހީގައި އެކުލެވޭ ދަނބުކުލައިގެ އަސްލު ކަމަށްވާ އެންތޮސިއަނިންސް ޕިގްމެންޓާ އެކީ ޖެނެޓިކް ބަދަލުތަކެއް ގެނެސްގެން ހައްދާ ޓޮމާޓޯ އެވެ. އަދި މީގެ އެންމެ ހާއްސަ އެއް ކަމަކީ މީގައި އެންޓިއޮކްސިޑެންޓް އެކުލެވޭ މިންވަރު ވެސް އިތުރުވުމެވެ.

މި މަސައްކަތް މާޓިން ކުރައްވާފައި ވަނީ ޖަރުމަންގެ ކޮންސޯޓިއަމަކުން ފަންޑް ހޯދައިގެންނެވެ.

އެމެރިކާގެ ބާޒާރުގައި އަންނަ އަހަރު ދަނބު ޓޮމާޓޯ ވިއްކަން ފެށޭނެކަމުގެ އުންމީދު ބޮޑުވި އިރު، އިނގިރޭސިވިލާތުގައި މި ޓޮމާޓޯގެ ލިމިޓެޑް ޓެސްޓް މާކެޓް އެންމެ ފުރަތަމަ ފަށަން ނިންމާފައި ވަނީ އަންނަ އަހަރު ނޯފޯކްގަ އެވެ. އެކަމަށް ހާއްސަކޮށްގެން މާޓިން ވަނީ ނޯފޯކް ޕްލާންޓް ސައިންސެސްގެ ނަމުގައި ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.

ދަނބު ޓޮމާޓޯއާ ބެހޭ އިތުރު މައުލޫމާތު މި www.bigpurpletomato.com/products ވެބްސައިޓުން ލިބޭނެ އެވެ.