Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

"ރަން 50" ގައި 1،000 މީހުން ބައިވެރިވި

އައްޑޫ ފޭދޫ ސްކޫލަށް މި އަހަރު 50 އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކުރަން އިއްޔެ ބޭއްވި "ރަން 50" ގައި 1،000 މީހުން ބައިވެރިވި ކަމަށާއި އެ ދުވުން ވަރަށް ކާމިޔާބު ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ގޯލްޑެން ޖުބިލީ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ދުވުމުގައި ސީދާކޮށް 951 މީހަކު ބައިވެރިވި އިރު، ބާކީ ތިބި މީހުންނަކީ ވާޗުއަލްކޮށް ދުވުމުގައި ބައިވެރިވި މީހުންނެވެ. ދުވުމުގެ ބައިވެރިންގެ ތެރޭގައި ފޭދޫ ސްކޫލްގެ މިހާރާއި އެހާރުގެ ދަރިވަރުންނާއި ޓީޗަރުންނާއި މެނޭޖްމަންޓާއި ބެލެނިވެރިންގެ އިތުރުން އައްޑޫގެ އެކި އަވަށްތަކުގެ މީހުން ހިމެނެ އެވެ.

އިއްޔެ ހަވީރު 4:00 އިން 6:00 އަށް ބޭއްވި "ރަން 50" އަކީ އައްޑޫގައި ބޭއްވި މިފަދަ އެންމެ ބޮޑު އެއް އިވެންޓެވެ.

ދުވުން ބޭއްވީ ތިން ކެޓަގަރީއަކަށެވެ. އެއީ 12 އަހަރުން މައްޗަށް ހާއްސަ 5 ކިލޯމީޓަރުގެ ދުވުމާއި 12 އަހަރުން ދަށަށް ހާއްސަ 5 ކިލޯމީޓަރު ދުވުމުގެ އިތުރަށް އިސްރަށްވެހިންނަށް ހާއްސަކޮށްގެން "ޕަވަ ވޯކް" ގެ ނަމުގައި ބޭއްވި 2 ކިލޯމީޓަރުގެ ދުވުމެވެ. ދުވުމުގައި އާންމުން ބައިވެރިވީ 150ރ. ދައްކައިގެންނެވެ. ދަރިވަރުންނ ބައިވެރިވީ 100ރ. ދައްކައިގެންނެވެ.

މި ދުވުމުން ލިބުނު ފައިސާ ފޭދޫ ސްކޫލުން ބޭނުން ކުރާނީ ސްކޫލްގެ އެކިއެކި ހަރަކާތްތައް ހިންގުމަށެވެ. ފޭދޫ ސްކޫލަކީ އެ އަވަށުގައި ހުރި ހަމައެކަނި ސްކޫލެވެ. މިއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ތަނެކެވެ.