Last Updated: April 25, 11:25
Thursday, April 25, 2024
ކުޅިވަރު

ބްރެންޓްފޯޑް ބަލިކޮށް އާސެނަލް އަލުން އެއްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ބްރެންޓްފޯޑް 3-0 އިން ބަލިކޮށް ލީގުގެ އެއްވަނަ އަށް އަލުން އާސެނަލް އަރައިފި އެވެ.

ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 18 ޕޮއިންޓާ އެކު އެވެ. ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު މިއަދުގެ މެޗުން ބަލިވި ބްރެންޓްފޯޑް އޮތީ ހަތް މެޗުން ލިބުނު 9 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގަ އެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. ސަލީބާ މި ގޯލް ކާމިޔާބުކުރީ ސަކާ ނަގައިދިން ކޯނަރެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 28 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު އާސެނަލްގެ މިޑްފީލްޑަރު ފަބިއޯ ވިއޭރާ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ. ވިއޭރާ މި ގޯލް ކާމިޔާބުކުރީ ދުރުން ފޮނުވާލި ހަމަލާއަކުންނެވެ.

ލީގުގެ އެއްވަނައިގައި އާސެނަލް އޮތްއިރު އެޓީމު މި ސީޒަނުގައި އަދި މިހާތަނަށް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާއި ބައްދަލުކޮށް 3-1 އިންނެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާ އެވެ. އެ މެޗު ކުޅޭނީ އިންޓަނޭޝަނަލް ބްރޭކަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.