Last Updated: October 1, 12:15
Sunday, October 1, 2023
ދުނިޔެ

ރާނީގެ ޖަނާޒާގައި ޕްރިންސް މުހައްމަދު ބައިވެރިނުވާނެ

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބައިވެރިނުވާން ނިންމައިފި އެވެ.

ރާނީގެ ޖަނާޒާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޖަނާޒާގައި ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޖަނާޒާގައި ޕްރިންސް މުހައްމަދު ބައިވެރިވެވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އިނގިރޭސި ފޮރިން އޮފީހުގެ މަސްދަރުތަކާ ހަވާލާދީ "ރޮއިޓާސް" އިން ބުނެފައިވާ ގޮތުގައި ރާނީގެ ޖަނާޒާގައި މިހާރު ބައިވެރިވާނީ ޝާހީ އާއިލާގެ އެހެން އިސް ބޭފުޅެއް ކަމަށެވެ.

ޕްރިންސް މުހައްމަދު ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ނިންމުމަށް ބަދަލު ގެނައީ ސީދާ ސައުދީން ކަމަށްވެސް ރޮއިޓާސްގައި ބުނެފައިވެ އެވެ.

ރާނީގެ ޖަނާޒާގައި ޕްރިންސް މުހައްމަދު ބައިވެރިވާން ނިންމިކަން އިއުލާންކުރި ހިސާބުން އިންސާނީ ހައްގުތަކާ ގުޅޭ އެކި ޖަމިއްޔާތަކުން ދިޔައީ ފާޑުކިޔަމުންނެވެ. ޕްރިންސް މުހައްމަދަށް ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުން އަމާޒުވީ ސައުދީ ސަރުކާރަށް ފާޑުކިޔަމުންދިޔަ ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅިގެންނެވެ. އެގޮތުން އޭނާގެ މަރާލަން އަމުރުކުރީ ސީދާ ޕްރިންސް މުހައްމަދު ކަމަށް އެގައުމުތަކުން ތުހުމަތު ކުރެ އެވެ.

ނަމަވެސް މި ތުހުމަތުތައް ޕްރިންސް މުހައްމަދު ދޮގު ކުރައްވާއިރު އޭނާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ޕްރިންސް މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

ރާނީ އެލިޒަބަރު ދެ ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓާ އެބީގައި މިއަދު އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11 ޖަހާއިރު އެވެ.