Last Updated: May 8, 22:22
Wednesday, May 8, 2024
ދުނިޔެ

ޗައިނާ އިން މަންކީޕޮކްސް ފެނިއްޖެ

ޗައިނާގެ (ސީޑީސީ) ގެ ޗީޕް .އެޕިޑަމޮލޮޖިސްޓް ވޫ ޒަންޔޫ

ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ފެނިފައިވާ މަންކީޕޮކްސް ޗައިނާ އިން ވެސް ފެނިއްޖެ އެވެ.

އެ ގައުމުން ބަލި ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން އެކަން އިތުރަށް ބަލައި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަންނަނީ އަޅަމުންނެވެ.

މަންކީޕޮކްސް ޖެހުމުގެ ފުރުސަތު ބޮޑީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގަ އެވެ. އަދި މިހާތަނަށް އެ ބަލި ޖެހުނު ގިނަ މީހުންނަކީ ވެސް އެފަދަ ގުޅުންތައް ހިންގާ މީހުންނެވެ.

ޗައިނާ އިން މަންކީޕޮކްސް ފެނި އެކަމުގެ ބިރުވެރިކަން އުފެދުމާ ގުޅިގެން އެ ގައުމުގެ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ޗީޕް އެޕިޑަމޮލޮޖިސްޓް ވޫ ޒަންޔޫ ވަނީ ޗައިނާގެ މަޝްހޫރު ސޯޝަލް ޕްލެޓްފޯމް، ވެއިބޯގައި އާންމުކުރެއްވި މެސެޖެއްގައި ޗައިނާ އިން ފެނުނު މަންކީޕޮކްސްގެ އަސްލަކީ ބިދޭސީއެއް ކަމަށާއި އެހެން އެ ގައުމުގެ ރައްޔިތުން ބިދޭސީންނާ ގާތްނުވާން ގޮވާލައްވައިފަ އެވެ. އެކަމަކު ބަލި ޖެހުނު މީހާ އަކީ ބިދޭސީއެއް ކަމެއް ނުވަތަ ޗައިނާގެ ރައްޔިތެއް ކަމެއް ކަށަވަރެއް ނުވެ އެވެ.

ވޫ ވިދާޅުވި ގޮތުގައި މަންކީޕޮކްސް ޖެހުނު މީހާ އަކީ މަހެއްހާ ދުވަސްވަންދެން ބޭރުގައި އުޅެފައި ގައުމަށް ދިޔަ މީހެކެވެ. އެހެންވެ އެތެރެ އާއި ބޭރުގައި ވެސް ޗައިނާ ރައްޔިތުންނަށް ބިދޭސީންނާ ގާތްނުވާން އިލްތިމާސްކުރެއްވި އެވެ.

ވޫގެ މި ވާހަކަތަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން އޭނަގެ މެސެޖް ނުފެންނަ ގޮތަށް ހަދާފައިވެ އެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި ޗައިނާގެ މަންކީޕޮކްސް ކޭސް ބިދޭސީންނާ ގުޅުވުމަކީ ނަސްލީ ގޮތުން ފުރައްސާރަކުރުމުގެ އަމަލެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި 90 ވަރަކަށް ގައުމުން މިހާތަނަށް މަންކީޕޮކްސް ފެނިފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 60،000 އަށް ވުރެ ގިނަ އެވެ. މި ބަލީގައި ބައެއް މީހުން މަރު ވެސް ވެފައިވެ އެވެ.