Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ބާސްކެޓްގެ އިންޓަނޭޝަނަލް މުބާތާރާތެއް ރާއްޖޭގައި

ރާއްޖޭގައި ބާއްވާ އެންމެ އަންހެން ބާސްކެޓްބޯޅަ ބޮޑު މުބާރާތް، "ސާވާ ވިމެންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕް" މި މަހު 24 ގައި ފަށަން ނިންމައިފި އެވެ.

ހަ ގައުމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 24-30 އަށެވެ. ނިޔަލަށެވެ. ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ސާކްގައި ހިމެނޭ ބޫޓާން، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ.

މި މުބާރާތާ ބެހޭ ގޮތުން ގައުމީ ޓީމުގައި ހިމެނޭ އާމިނަތު ޝިއުރާ އަބްދުލް ބާރީ ބުނީ މި ފަހަރު ދިވެހި ސަޕޯޓަރުން ކުރިމަތީ މުބާރާތް ކުޅުމަކީ ލިބޭނެ ހިތްވަރެއް ކަމަށާއި ދިވެހި ސަޕޯޓަރުން މުބާރާތް ކުޅޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ފުރާލައި ޓީމަށް ތަރުހީބު ދިނުމަށް އެދޭ ކަމަށެވެ.

"ވަރަށް ބޮޑަށް އެދެން ޓީމުގެ ފަރާތުން ވީހާވެސް ގިނަ ބަޔަކު އައިސް ސޯޝަލް ސެންޓަރުގެ އިންޑޯ ފުރާލަދިނުން،" އޭނާ ބުންޏެވެ. "އެ ވާނެ ވަރަށް ބޮޑު ހިތްވަރަކަށް. އަދި އޭގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނެރެން ވަރަށް އެދެވިގެންވޭ އެ ސަޕޯޓާ އެކީގައި."

މެދުކެނޑުމަކަށް ފަހު ރާއްޖޭގައި "ސާބާ ޗެމްޕިއަންޝިޕް" ބާއްވަނީ ބާސްކެޓްބޯޅަ އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީ ގުޅިގެންނެވެ.

"ސާބާ ވިމެންސް ބާސްކެޓްބޯޅަ މުބާރާތް" އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގަ އެވެ. ދެވަނަ މުބާރާތް ރާއްޖޭގައި ބާއްވާ އިރު، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން އިންޑިއާ އާއި ތައިލެންޑުގައި ކޭމްޕްކޮށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައިވެ އެވެ.

ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު 2016 ގައި ކަތުމަންޑޫގައި އޮތް ސާބާ ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދާފައިވެ އެވެ. އަދި 2019 ގައި ކަތުމަންޑޫގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް އަންހެން ޓީމު ލޯ މެޑަލް ހޯދި އެވެ.