Last Updated: August 18, 23:01
Monday, August 18, 2025
މުނިފޫހިފިލުވުން

އަލީ ރަމީޒުގެ އިންޒާރެއް، ޑާކް ރެއިނުން މާފަށް!

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމު "ހިނދުކޮޅެއް" ގައި ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ލަވައެއް ކަމަށްވާ "ލޮލަކަށް ނިންޖެއް ނާދޭ" ހުއްދަ ނެތި ބޭނުންކުރުމާ ގުޅިގެން ދައުވާކޮށްފާނެކަމުގެ އިންޒާރު އޭނަ ދިނުމުން އެ ސްޓޫޑިއޯ އިން ލަވަ ޑިލީޓްކޮށްލައި، މައާފަށް އެދިއްޖެ އެވެ.

ފިލްމުގެ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) އުފަން ދުވަހާ ދިމާކޮށް މިދިޔަ ހުކުރު ދުވަހު ޑާކް ރެއިނުން އާންމުކުރި ލަވައާ ގުޅިގެން އަލީ ރަމީޒް ސޯޝަލް މީޑިއާގައި މިއަދު ބުނީ އޭނަގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ލޮލަކަށް ނިންޖެއް ނާދޭ" ގެ އާ ވާޝަނެއް އެހެން ލަވަކިޔުންތެރިއަކު ލައްވައި ކިޔުއްވައި ގެނެސްދީފައި އޮތީ އެކަމުގެ އެއްވެސް ހުއްދައެެއް ހޯދި ނެތި ކަމަށެވެ.

"އޭގެ ވީޑިއޯ ހަދައި އަދި ނުވިތާކަށް އެ މީހުންގެ ފިލްމަކަށް ލުމަށް މަސައްކަތްކުރަމުންދާކަން އެ މީހުންގެ އަމިއްލަ ސޯޝަލް މީޑިއާއިންނާއި އެހެނިހެން މީޑިއާތަކުން އަޅުގަނޑަށް ވަނީ ކަށަވަރުވެފައި،" ލަވަކިޔުން ހުއްޓާލާފައިވާ އަލީ ރަމީޒް ބުންޏެވެ. "މިފަދައިން އަޅުގަނޑުގެ ޕްރޮޑަކްޝަންތައް ބޭނުންކުރާ ފަރާތްތަކާ މެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅަން އަޅުގަނޑު ފަސްނުޖެހޭނެ ވާހަކަ ދަންނަވަން."

އޭނާ ބުނީ މިފަދަ ކަންކަން ކުރާ އިރު، އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމުކޮށް، އެފަދަ ކަންކަން ނުކުރުމަށް އެދޭ ކަމަށެވެ.

ޑާކް ރެއިންގެ ފިލްމު "ހިނދުކޮޅެއް" ގައި ހިމަނޭ ލަވަ "ލޮލަކަށް ނިންޖެއް ނާދޭ" ކިޔާފައި ވަނީ މަރިޔަމް އަޝްފާ އެވެ. އަދި މި ލަވައިގެ އަސްލު ނުގެއްލޭ ގޮތަށް މިއުޒިކާ ކުޅެފައި އޮތީ ހުސައިން ތައުފީގެވެ. ލަވަ އޮތީ އަލީ ރަމީޒް ކިޔާފައި އޮތް ލަވައިގެ ޅެން އީސާ ޝަރީފު ލިޔުނު ގޮތަށެވެ.

"ހިނދުކޮޅެއް" އަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި އަހަރުގެ ކުރީކޮޅޫ ޝޫޓީން ނިންމާފައި އޮތް މި ލޯބީގެ ފިލްމުގެ ތަރިންނަކި އާޝާގެ އިތުރުން ޝަރަފު އަބްދުﷲ ގެ އިތުރުން ރަވީ ފާރޫގާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

އަލީ ރަމީޒުވެ ވާހަކަތަކާ ގުޅިގެން ޑާކް ރެއިނުން މިއަދު ވަނީ ހުއްދަ ނެތި ލަވަ ބޭނުންކޮށްފައިވާތީ މާފަށް އެދޭ ކަމަށް ބުނެ ކުރު ބަޔާނެއް ނެރެފަ އެވެ. ފޭސްބުކްގައި އަލީ ރަމީޒް ޓެގްކޮށް އެ ސްޓޫޑިއޯ އިން ބުނީ "ލޮލަކަށް ނިންޖެއް ނާދޭ" ލަވަ އެ މޫހުންގެ އެއްވެސް އުފެއްދުމެއްގައި ބޭނުން ނުކުރާނެ ކަމަށެވެ.

އެހެންވެ ޑާކް ރެއިންގެ ހުރިހާ ޕްލެޓްފޯމަކުން ވެސް ލަވަ މިހާރު ވަނީ ނަގައިފަ އެވެ.