Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ހުޅުދު އާއި މީދޫ ކޯޓް އެއް އިމާރާތަކަށް

އައްޑޫ ހުޅުދު އާއި މީދޫ މެޖިސްޓްރޭޓް ކޯޓް އެއް އިމާރާތެއްގައި ހިންގަން ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން އެ ދެ އަވަށު ކޯޓްތައް ހިންގަމުން އަންނަނީ ދާދި ފަހުން އުވައިލި ހައި ކޯޓް ދެކުނު ގޮފި ހިންގި ތަނުގަ އެވެ. އެތަން ހިންގީ އެސްޓީއޯ ހުޅުމީދޫ އިމާރާތުގަ އެވެ. އެ އިމާރާތުގައި ހިންގަމުން އައި ހައި ކޯޓްގެ ދެކުނު ގޮފި އުވައިލީ
މިދިޔަ ޖުލައި މަހު އެވެ.

ހައިކޯޓުގެ ދެކުނާއި އުތުރު ގޮފި އުވާލީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު މިދިޔަ ޖުލައި މަހުގެ 17 ގައި ތަސްދީގުކުރުމާ ގުޅިގެންނެވެ. އެސްޓީއޯ ހުޅުމީދޫ އިމާރާތުގައި ހައި ކޯޓްގެ ދެކުނު ގާއިމުކުރީ 2015 ގަ އެވެ.

ހުޅުދު އާއި މީދޫ މެޖިސްޓްރޭޓް ކޯޓް އެއް އިމާރާތެއްގައި ހިންގަން ފެށި އިރު، ދެ އަވަށުގެ ކޯޓްތަކަކީ ދެ އަވަށުގައި މުޅިން ވަކިން ހިންގަމުން އައި ދެ ކޯޓެވެ. ހުޅުދޫ ކޯޓަކީ ފެބްރުއަރީ 8، 2012 ގައި އައްޑޫގައި ހިންގި "ބޮޑު ހުޅު" ހާދިސާގައި ރޯކޮށް އަންދާލި ކޯޓްތަކުގެ ތެރެއިން އެއް ތަނެވެ. އޭގެ ފަހުން އެ ކޯޓް ހިންގަމުން އައީ ކުރީގެ ރަށްވެހި ގޭގަ އެވެ.

"ބޮޑު ހުޅު" ހާދިސާއާ ގުޅިގެން އައްޑޫގެ އެހެން ދެ އަވަށެއްގެ ކޯޓްތަކެއް ވެސް ކުރިން އެއް އިމާރާތެއްގައި ހިންގި އެވެ. އެގޮތުން ފޭދު އާއި މަރަދޫ މެޖިސްޓްރޭޓް ކޯޓް އަންދައިލުމުން ގިނަ ދުވަސްތަކެއް ވަންދެން އެ ދެ ކޯޓް ހިންގީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓްގަ އެވެ.

މިހާރު ފޭދު ކޯޓް ފޭދޫގެ ކުލީ އިމާރާތެއްގައި ހިންގަމުން އަންނަ އިރު މަރަދޫ ކޯޓް ވެސް ހިންގަމުން އަންނަނީ އެ އަވަށުގެ ކުލީ އިމާރާތެއްގަ އެވެ.

އައްޑޫގައި ކޯޓް ކޮމްޕްލެކްސްއެއް ވެސް ހަދަން ވާހަކަތަކެއް ދެކެވޭތާ ދުވަސްވެއްޖެ އެވެ. އެގޮތުން މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވެސް އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ލި އެވެ.