ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަރިއަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެއްޖެ އެވެ.
މި މަސައްކަތާ ހަވާލުވުމަށް ސްޓެލްކޯއާ ކައުންސިލްތަކާ މެދު ވަނީ މިއަދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. ސްޓެލްކޯގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި ރަށްތަކުގެ އިންޖީނުގެތަކުގެ މެނޭޖަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އާއި އއ އަދި އދ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ރަށްރަށުގެ ކައުންސިލްގެ ރައީސުންގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭގެ) ސީއީއޯ އަފްޝަން ލަތީފު ބައިވެރިވެވަޑައިގަތެވެ.
މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ސްޓެލްކޯއިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އއ އަތޮޅުގެ 5 ރަށާއި އދ އަތޮޅުގެ 9 ރަށް ހިމެނޭހެން، 14 ރަށެއްގެ ކައުންސިލްތަކާއެކުގަ އެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ސްޓެލްކޯއަކީ ރައްޔިތުންނަށް ޚިދުމަތްދޭ ނަމޫނާ ކުންފުންޏަކަށް ހެދުމަށް ބޭނުންވާ ކަމަށާއި ސްޓެލްކޯ އިން ރާއްޖޭގެ 31 ރަށުގައި ޚިދުމަތް ދެމުން އަންނައިރު އެ ހުރިހާ ރަށްރަށުގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ވެސް ކުރިއަށް އޮތް ތަނުގައި ހަވާލުވާނެ ކަމަށެވެ.
އެގޮތުން، ވ އަތޮޅާއި ކ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއެކު އަންނަ އޮކްޓޯބަރު މަހު އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ސްޓެލްކޯއާއެކު އެއްބަސްވުމުގައި ސޮއިކުރި ރަށްތައް
އއ. މަތިވެރި
އއ. ބޮޑުފޮޅުދޫ
އއ. ފެރިދޫ
އއ. މާޅޮސް
އއ. ހިމަންދޫ
އދ. ހަންޏާމީދޫ
އދ. އޮމަދޫ
އދ. ކުނބުރުދޫ
އދ. މަހިބަދޫ
އދ. މަންދޫ
އދ. ދަނގެތި
އދ. ދިގުރަށް
އދ. ދިއްދޫ
އދ. ފެންފުށި