Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

އިނގިރޭސި ރާނީ ފަސްދާނުލައިފި

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް މިއަދު ފަސްދާނުލައިފި އެވެ.

ރާނީ އަވަހާރަވީ މި މަހުގެ 8 ވަނަ ދުވަހު ސްކޮޓްލެންޑުގެ ބެލްމޯރަލް ގަނޑުވަރުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީގެ ހަށިކޮޅު ވެރިރަށް ލަންޑަނަށް ގެންގޮސްފައި ވަނީ ސެޕްޓެންބަރު 13 ވަނަ ދުވަހު އެވެ. އަދި، 14 ވަނަ ދުވަހުން ފެށިގެން، އެކަމަނާގެ ހަށިކޮޅު ބާއްވާފައި އޮތީ އިނގިރޭސި ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ވެސްޓްމިނިސްޓަރ ހޯލްގައި ޝާހީ ޢިއްޒަތުގަ އެވެ.

އެ ކަމަނާގެ ހަށިކޮޅަށް އެންމެ ފަހުގެ އިޙުތިރާމު އަދާ ކުރުމަށް އެތަކެއް ހާސް މީހުންނަށް އެ ތަނަށް ޒިޔާރަތްކޮށްފައިވެ އެވެ.

ރާނީގެ ޖަނާޒާ ބާއްވާފައި ވަނީ ވެސްޓްމިންސްޓަރ އެބީގަ އެވެ. ޖަނާޒާގައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސްގެ އިތުރުން އެހެން ގައުމުތަކުގެ ޝާހީ ޢާއިލާތަކުގެ މެންބަރުންނާއި، ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރާނީގެ ޖަނާޒާގެ ދެވަނަ ބައި ކުރިއަށް ދިޔައީ ވިންޑްސަރ ގަނޑުވަރުގަ އެވެ. ރާނީ ފަސްދާނުލާފައި ވަނީ ވިންޑްސަރ ގަނޑުވަރުގެ ގޯތިތެރޭގައި ހުންނަ ޖޯޖް ރަސްގެފާން ހަވަނައިގެ ހަނދާނީ ޗެޕަލްގަ އެވެ.

ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ޗާލްސް ވަނީ ހަވާލުވެވަޑައިގެންފަ އެވެ.