Last Updated: July 1, 23:03
Tuesday, July 1, 2025
ޚަބަރު

ހިތަދޫ ޕޯޓަށް އާ ކްރޭނެއް ގެނެސްފި

އައްޑޫ ހިތަދޫ ސަރަހައްދީ ބަނދަރަށް އާ ކްރޭނެއް ގެނެސްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ހިންގަމުން އަންނަ ހިތަދޫ ޕޯޓަށް ގެނައި އާ ކްރޭނާ ބެހޭ ގޮތުން އެ ކުންފުނިން އޭގެ ބޭނުން ވަރަށް އަވަހަށް ބަނދަރުގައި ބޭނުން ކުރަން ފަށާނެ ކަމަށެވެ. އެމްޕީއެލުން ބުނީ މުޅިން އާ 150ޓީ ޒޫމްލަޔަން ބްރޭންޑްގެ ކްރޭނު ބަނދަރުގެ މަސައްކަތައް ބޭނުންކުރަން ފެށުމުން ބޯޓްތަކުން އަންލޯޑްކުރުމާއި ލޯޑްކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

ހިތަދޫ ސަރަހައްދީ ބަނދަރަކީ ކާގޯ ބޯޓްފަހަރުން މުދާ ގެންނަ ބަނދަރެކެވެ. މި ތަނުގެ ބޭނުން މިހާރަށް ވުރެ ރަނގަޅަށް ހިފުމަށްޓަކައި، ބަނދަރު އިތުރަށް ތަރައްގީކުރަން އެމްޕީއެލުން ވަނީ ބޮޑު މަޝްރޫއެއް ވެސް ފަށައިފަ އެވެ.

މިގެ މަޝްރޫއުގެ ދަށުން، 500،972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ 525 ދުވަހުގެ ތެރޭގަ އެވެ. ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޕީއެލުން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރީލް 2، 2021 ގަ އެވެ.