Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ކިޑްނެޕްކުރި ކަމަށް ބުނެ ދޮގު ހެދުމުން ދޮޅު އަހަރަށް ޖަލަށް

ކިޑްނެޕްކޮށްފައިވާ ކަމަށް ބުނެ ދޮގު ހެދި މައްސަލައެއްގައި އެމެރިކާގެ އަންހެނަކަށް ކުރި ދައުވާ ސާބިތުވެ އޭނަ ދޮޅު އަހަރަށް ޖަލަށް ލާން ހުކުމްކޮށް، 310،000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ދިރިއުޅެމުން އައި ނަދަން ކެލިފޯނިއާގެ ޝަސްޓާ ކައުންޓީގައި ޖޮގިން އަށް ނުކުމެ އުޅެނިކޮށް މާސްކް އަޅައިގެން ތިބި ދެ މީހަކު 2016 ގައި ކިޑްނެޕްކުރި ކަމަށް ބުނެ ދޮގު ހެދި މައްސަލާގައި ޝެރީ ޕެޕަނީ، 40، ގެ މައްޗަށް ކުރި ދައުވާ ސާބިތުވެފައި ވަނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭނަގެ މައްޗަށް ދޮގު ހެދިކަން ސާބިތުވީ ޑީއެންއޭ ޓެކްނޮލިޖީގެ އެހީގަ އެވެ.

ޝެރީގެ މައްޗަށް އިއްޔެ ދޮޅު އަހަރުގެ ހުކުމެއް އިއްވި އިރު، ދައުލަތުގެ ވަކީލުން އެދިފައި ވަނީ ޝެރީ ދޮގު ހަދައި، ދޮގު ބަޔާން ވެސް ދީ އެތައް ބައެއްގެ މަސައްކަތް ބޭކާރުކުރި މައްސަލާގައި އޭނަގެ މައްޗަށް 8 މަހުގެ ޖަލު ހުމެއް އިއްވައި ދިނުމަށެވެ. އަދި ދިފާއީ ވަކީލުން އެދުނީ ދަރިންތަކެއް ވެސް ތިބި ޝެރީ އަށް އެއް މަހުގެ ޖަލު ހުކުމަކާއި 7 މަހުގެ ގޭބަންދު ހުކުމަށެވެ.

ނަމަވެސް މައްސަލައިއި ހުކުމްކުރި ފަނޑިޔާރު ވިލިއަމް ބީ ޝަބް ވިދާޅުވީ ކިޑްނެޕްކުރި ކަމަށް ބުނެ ދޮގު ހަދައިގެން ޝެރީގެ އެތައް ބައެއްގެ ވަގުތާއި މަސައްކަތް ބޭކާރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ތަކުރާރުކޮށް ދޮގު ބަޔާން ދިނުމަކީ ބަލައިގަނެވޭނެ ކަމަކަށް ވެސް ނުވާތީ 18 މަހަށް ޖަލަށްލާން ހުކުމްކުރާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ކޯޓްގައި ޝެރީ ވަނީ އޭނައާ ހެދި ތަކުލީފު އުފުލަން ޖެހުނު ހުރިހާ އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެފަ އެވެ. އަދި ކުރިން ވެސް ކޯޓްގައި ދޮގުތައް ހެދިފައިވުމަކީ ކޯޓާއި ފަނޑިޔާރުންނާ މެދު އިހުތިރާމު ކުޑަކޮށްލެވުމުގެ އަމަލެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.