މާލޭގެ އޮލިމްޕަސް ސިނަމާގައި ކުރަމުން އަންނަ މަރާމާތުތައް މިހާރު ނިމޭނެ އަންދާޒާކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ދިވެހި ފިލްމުތައް އަޅުވަން ހާއްސަ ހަމައެކަނި ރަސްމީ ސިނަމާ ބަންދުކޮށްފައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެކަމާ ގުޅިގެން މިނިސްޓަރާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ލިޔުމުން ފޮނުއްވި ޖަވާބުގައި މިއަދު ވިދާޅުވެފައި ވަނީ އޮލިމްޕަހުގެ މަރާމާތުތައް ނިމޭނީ ނޮވެމްބަރު މަހުގެ 16 އަށް ކަމަށެވެ.
ނަމަވެސް އެ ސިނަމާ މި މަހުގެ ތެރޭގައި އަލުން ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެ، އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ޖުލައި މަހު ބަޔާނެއް ވެސް ނެރުނެވެ. އެތަނުން ބުނެފައި ވަނީ ސިނަމާގެ މަރާމާތުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާތީ މި މަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވުމުގެ އުންމީދު އޮތް ކަމަށެވެ.
މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ އޮލިމްޕަސް މަރާމާތުކޮށް ނިމޭ އިރު އެތަން ވާނީ ޒަމާނީ ފެންވަރުގެ ތަނަކަށެވެ. އެގޮތުން އެ ތަނުގައި ފިލްމު ދެއްކުމުގެ އިތުރަށް އާޓްސްއާ ގުޅުން ހުރި އިތުރު އެހެން ކަންކަން ވެސް ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މިނިސްޓަރުގެ ޖަވާބުގައި އޮލިމްޕަސް އަލުން ހުޅުވޭނެ އިރެއް ވިދާޅެއް ނުވެ އެވެ.
ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ދަނީ އޮލިމްޕަސް ނުހުޅުވި ލަސްވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެތަން ކޮވިޑް-19 ވިދިގެން ބަންދުކުރީ 2020 ގެ މާޗް މަހުގެ ކުރީކޮޅު އެވެ. އޭރު ދައްކަމުން ދިޔައީ އަލީ ސީޒަންގެ "އަނދިރިކަން" އެވެ.