Last Updated: April 24, 11:55
Wednesday, April 24, 2024
ޚަބަރު

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގައި ހަ ޓީމު

އައްޑޫ ސިޓީ ކައިންސިލުން އިންތިޒާމުކޮށްގެން އަންނަ މަހު ފަށާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" ގައި ހަ ޓީމެއް ވާދަކުރާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

މި މުބާރާތް އަންނަ މަހުގެ 22 ގައި އައްޑޫ ސްޓޭޑިއަމްގައި ފެށުމަށް ހަމަޖެހިފައިވާ އިރު، މުބާރާތާ ގުޅުން ހުރި އެކިއެކި ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން ކައުންސިލުން މިއަދު ވަނީ މުބާރާތުގެ އިންތިޒާމު ކޮމިޓީއާ ވެސް ބައްދަލުކޮށް އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

"އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" އަކީ 2019 ގައި ބާއްވަން ފެށި މުބާރާތެކެވެ. މި އަހަރުގެ މުބާރާތަށް ކައުންސިލުން ހުޅުވާލީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަންނުވައި ކުޅިވަރުގެ ރޫހު އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބޭއްވީ 2019 ގަ އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ފޭދޫ ސްޕޯޓްސް އެވެ.