Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ވިނަރެސް ފްލެޓަށް 1،413 ހުށަހެޅުމެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ ފްލެޓް ގަތުމަށް 1،413 މީހަކު ކުރިމަތިލާފައިފި އެވެ.

ވިނަރެސް މަޝްރޫއުގައި 10 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 1،344 ފްލެޓެވެ. މި ފްލެޓްތަގައި ހިމެނެނީ 902 އަކަފޫޓާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. އަދި ކޮންމެ ޓަވަރެއްގެ ގްރައުންޑާއި އަދި ފުރަތަމަ ފްލޯ ހާއްސަކޮށްފައި ވަނީ ވިޔަފާރިއަށެވެ.

އެޗްޑީސީން ބުނީ ފްލެޓް ގަތުމަށް އޮންލައިންކޮށް ހުޅުވާލައި، ދިން ދެ މަހުގެ ތެރޭގައި އެ ފްލެޓްތައް ގަތުމަށް ހުށަހެޅީ 1،413 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މީހުންގެ ޝަރުތު ފުރިހަމަވޭތޯ ބަލާނީ ހައުސިން މިނިސްޓްރީންނެވެ.

އެޗްޑީސީން ބުނި ގޮތުގައި ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް ދިރިއުޅުމުގެ ހާލަތު ބަލައި އެ މީހުންނަށް ލިބޭ ޕޮއިންޓް ތަރުތީބުން ލިސްޓުކުރާނެ އެވެ. އަދި ލިސްޓު ތަރުތީބުން ޔުނިޓް ހިޔާރުކުރުމުގެ ފުރުސަތު ހުޅުވައިލާނެ އެވެ. އެެޗްޑީސީން ބުނީ ފްލެޓް ގަންނަން ހުށަހެޅި މީހުންގެ މާލީ ގާބިލުކަން ހުރިތޯ ބަލައި، އެ ޝަރުތު ހަމަވާ މީހުންނަށް ޔުނިޓް ހަވާލުކުރެވޭނެ ކަމަށެވެ.

ވިނަރެސް ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނައިރު އަންނަ އަހަރުގެ ކުރީކޮޅު އެތަންތަން އާންމުންނާ ހަވާލުކުރަން އެޗްޑީސީން ވަނީ އަމާޒު ހިފައިފަ އެވެ.

ވިނަރެސް ފްލެޓް ހާއްސަކޮށްފައި ވަނީ މާލޭ ރައްޔިތަކަށްވުމާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހަކަށްވުމެވެ.