Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އޮޅުވެލިފުއްޓަށް 28 އަހަރު ފަހުން އާ އިންޖީނުގެއެއް

ޅ.އޮޅުވެލިފުށީގައި 28 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެ ހުއްޓާލައި، އެ ރަށު އާ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި އެވެ.

ފެނަކަ އިން ބުނީ އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، އިއްޔެ އިން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށެވެ.

އެގޮތުން އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ. އަދި މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 70 ޑެސިބެލް އަށް ވުރެ މަތިނުވާނެހެން ސައުންޓް އެޓެނުއޭޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.