Last Updated: April 25, 11:51
Thursday, April 25, 2024
ދުނިޔެ

އެމެރިކާ ކޮވިޑުން ސަލާމަތްވެއްޖެ: ބައިޑެން

ކޮވިޑް-19 ގެ ބަލިމަޑުކަމުން އެމެރިކާ މިހާރު ސަލާމަތްވެއްޖެ ކަމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ސީބީއެސްގެ "60 މިނިޓް" އަށް ދެއްވި އިންޓަވިއެއްގައި ބައިޑެން ވިދާޅުވީ އެ ބަލިމަޑުކަމުން އެމެރިކާ އަށް މިހާރު އަރައިގަނެވުނަސް ކުރަން ޖެހޭ ކަންކަން އަދިވެސް ބައިވަރު އެބަހުރި ކަމަށެވެ. އެކަމަކު އެމެރިކާ މިހާރު އޮތީ ކޮވިޑުން ސަލާމަތްވެފައި ކަމަށް ދެ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވި ރައީސް ވިދާޅުވި އެވެ.

"މިހާރު އަހަރެމެންގެ ތެރެއަކު މާސްކް އަޅާ މީހަކު ވެސް ނެތް. އަދި ކުރިން އެޅި ހުރިހާ ފިޔަވަޅުތަކެއް އުވާލެވި މިހާރު އެމެރިކާ އޮތީ މި ވަބާގެ ކުރިން ގައުމު އޮތް ހާލަތުގައި،" ބައިޑެން ވިދާޅުވި އެވެ. "އެންމެން ވެސް ފެންނަނީ އާދައިގެ ދިރިއުޅުމެއްގައި އުޅޭ ތަން. މިއީ ވަރަށް ބޮޑު ބަދަލެއް."

ކޮވިޑްގެ ވަބާގެ ހާލަތު 2020 ގައި ގޯސްވަމުން އައި އިރު، އެ ބަލީގެ ހާލަތު އެންމެ ގޯސްވި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ ބަލިން ސަލާމަވެއްޖެ ކަމަށް ބައިޑެން ވިދާޅުވި ނަމަވެސް މިހާރު ވެސް ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް އެ ގައުމުގައި އެވްރެޖްކޮށް 400 އެއްހާ މީހުން މަރުވެ އެވެ. އަދި މިދިޔަ ހަފުތާގައި އެކަނި ވެސް އެމެރިކާ އިން ކޮވިޑްގައި 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ރެކޯޑްތަކުން ދައްކަ އެވެ.

އެމެރިކާ އިން މިހާތަނަށް ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 1.05 މިލިއަނަށް ވުރެ ގިނަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ކޮވިޑްގެ ވަބާ ނިމޭކަށް އަދި ގާތެއް ވެސް ނުވެ އެވެ. އެހެންވެ ކުރިން ވެސް ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަމުން އައި ފިޔަވަޅުތައް އެއްކޮށް ނޫކޮށްލުމަން އެ ޖަމާއަތުން ގައުމުތަކަށް ގޮވާލާފައިވެ އެވެ.