Last Updated: April 26, 14:54
Friday, April 26, 2024
މުނިފޫހިފިލުވުން

އިންޑިއާ އިން އޮސްކާ އަށް "ލާސްޓް ފިލްމު ޝޯ"

އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވާ ފިލްމަކަށް ކުރިން އެ ފިލްމެއްގެ ވާހަކަ އާންމުންގެ ތެރޭގައި މާ ބޮޑަކަށް ނުވެސް ދެކެވޭ ގުޖުރާތީ ފިލްމު ޗެލޯ ޝޯ (ލާސްޓް ފިލްމު ޝޯ) ފޮނުވަން ނިންމައިފި އެވެ.

އޮސްކާ އަށް ފޮނުވާ ފިލްމަކަށް ފިލްމު ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި) އިން މި ފިލްމު ހޮވި އިރު، ކުރިން ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ އޮސްކާ އަށް އިންޑިއާ އިން ފޮނުވާނީ މި އަހަރުގެ މާޗްގައި ރިލީޒްކުރި ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ކަމަށެވެ. މި ފިލްމަކީ އޮސްކާ އަށް އިންޑިއާ އިން ފޮނުވަން ގިނަ ބަޔަކު އެންމެ ބޮޑަށް ލޮބީކުރި ފިލްމު ވެސް މެ އެެވެ.

"އާރްއާރްއާރް" ގެ އިތުރުން އޮސްކާ އަށް ފޮނުވަން ހޮވާނެ ކަމަށް ބެލެވުނު ފިލްމުމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" އާއި ވިވެކް އަގްނިހޯތުރީގެ "ދަ ކަޝްމީރު ފައިލްސް" ގެ އިތުރުން އާރް މާދްވަންގެ "ރޮކެޓްރީ" ހިމެނެ އެވެ.

ނަމަވެސް "ދަ ލާސްޓް ޝޯ" އޮސްކާ އަށް ފޮނުވަން ހޮވުންވީ ވަރަށް ބޮޑު ސަޕްރައިޒަކަށެވެ. މި ސަޕްރައިޒާ އެކު ޑައިރެކްޓަރު ޕަން ނަލިންވެސް ބުނީ މިއީ ކުރިން އެއްވެސް ވަރަކަށް އުންމީދުކުރި ކަމެއް ނޫން ކަމަށެވެ.

"މިއީ ހަގީގަތު ވަރަށް ބޮޑު ކާމިޔާބީއެއް. އަހަރެން އެއްވެސް ވަރަކަށް އުންމީދު ވެސް ކުރި ކަމެއް ނޫން މި ފިލްމު އޮސްކާ އަށް ފޮނިވަން ހޮވުމަކީ.،" އޭނާ ބުންޏެވެ. "އެކަމަކު އަހަރެންގެ ފިލްމަކީ ބޭރުގެ ވަރަށް ގިނަ ފިލްމު ފެސްޓިވަލްތަކުގައި މިހާތަނަށް ޕްރީމިއާކޮށްގެން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް. އޮސްކާ އަށް ދަ ލާސްޓް ފިލްމު ޝޯ ފޮނުވަން ނިންމީތީ ފިލްމު ފެޑެރޭޝަނަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން."

މި ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި 66 ވަނަ ވެލޮޑޮލިޑް އިންޓަނޭޝަނަލް ފިލްމު ފެސްޓީވަލްގައި ދައްކައިގެން ގޯލްޑެން ސްޕައިކް އެވޯޑް ވެސް ލިބުނު ފިލްމެކެވެ.

"ދަ ލާސްޓް ފިލްމު ޝޯ" އަކީ ނުވަ އަހަރުގެ ކުއްޖެއްގެ ހިތުގައި ސިނަމާ އަށް އޮންނަ ލޯބި ދައްކުވައިދޭ އެއްޗެކެޗެ. މި ފިލްމުގެ ކާސްޓްގައި ސަތިޝް ކޯޝިކް، ޕަތުނާ ޝުކްލާ، މާނަވް ވިޖް، ޗަންދަން ރޯއި ސަނިއާލް، ޖަތިން ގޮސްވާމީ އަދި އަނުޝްކާ ކޯޝިކް ހިމެނެ އެވެ.

"ދަ ލާސްޓް ފިލްމު ޝޯ" އަކީ ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރްގެ ރޯއި ކަޕޫރް ފިލްމްސް އިން ޕްރެޒެންޓްކޮށް އަންނަ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމެކެވެ.

އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ މާޗް 12 ގަ އެވެ.

އިންޑިއާ އިން އޮސްކާ އަށް ފިލްމު ފޮނުވާތާ އެތައް ޒަމާނެއް ވިޔަސް އެ ގައުމުގެ އެއްވެސް ފިލްމަކަށް މިހާތަނަށް އޮސްކާ ލިބިފައެއް ނުވެ އެވެ. އަދި އޮސްކާގެ ބޭރު ފިލްމު ކެޓަގަރީ އަށް ފިލްމުތައް ފޮނުވައިގެން އެ ކެޓަގަރީގެ އެންމެ މޮޅު ފަސް ފިލްމުގެ ނޮމިނޭޝަންގައި މިހާތަނަށް ހިމެނުނީ ބެސް އިންޑިއާގެ އެންމެ ދެ ފިލްމެވެ. އެއީ 1985 ގެ "މަދަ އިންޑިއާ" އާއި 1989 ގެ "ސަލާމް ބޮމްބޭ" އެވެ.