Last Updated: July 1, 23:03
Wednesday, July 2, 2025
ކުޅިވަރު

ރާނީގެ ޖަނާޒާއަށް ވުރެ ޔޫރޯ ފައިނަލް ބެލި މީހުން ގިނަ

އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ އަށް ވުރެ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް ޓީވީން ބެލި އިނގިރޭސިންގެ އަދަދު ގިނަ ކަމަށް ދައްކައިފި އެވެ.

ބްރޯޑްކާސްޓާސް އޯޑިއަންސް ރިސާޗް ބޯޑުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާނީގެ ޖަނާޒާ ޓީވީތަކުން ބެލި އިނގިރޭސިންގެ އަދަދު އުޅެނީ 28.5 މިލިއަންގަ އެވެ. ރާނީގެ ޖަނާޒާ އިނގިރޭސި 50 ޗެނަލަކުން ދުރަށް ދައްކާފައިވެ އެވެ.

މި އަދަދަކީ 2020 ވަނަ އަހަރު އިޓަލީ އަތުން ޕެނަލްޓީން އިނގިރޭސިން ބަލިވި ޔޫރޯ ފައިނަލް ބެލި މީހުންނަށް ވުރެ ދަށް އަދަދެކެވެ. އެގޮތުން އެ ފައިނަލް ޓީވީތަކުން ބެލި އިނގިރޭސިންގެ އަދަދު 29.85 މިލިއަނަށް އަރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި 1997 ވަނަ އަހަރު ޕްރިންސެސް ޑަޔާނާގެ ޖަނާޒާ ބެލި އިނގިރޭސިންގެ އަދަދު 31 މިލިއަނަށް އަރަ އެވެ.

ރާނީގެ ޖަނާޒާ އިނގިރޭސި ޓީވީ ޗެނަލްތަކުގެ އިތުރުން އެގައުމުގެ ބައެއް ސިނަމާތަކުގައި ވެސް އަޅުވާފައިވެ އެވެ.

ރާނީގެ ޖަނާޒާ ބާއްވާފައި ވަނީ ވެސްޓްމިންސްޓާ އެބީގަ އެވެ. ޖަނާޒާގައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސްގެ އިތުރުން އެހެން ގައުމުތަކުގެ ޝާހީ ޢާއިލާތަކުގެ މެންބަރުންނާއި، ޤައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.

ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ޗާލްސް ވަނީ ހަވާލުވެވަޑައިގެންފަ އެވެ.