Last Updated: April 23, 16:32
Tuesday, April 23, 2024
ޚަބަރު

ބާސްކެޓް ޓީމަށް ހިތްވަރު ދެއްވައިފި

އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ފަށާ "ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް" ގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓް ޓީމާ ބައްދަލުކޮށް، ނައިބު ރައީސް ހިތްވަރު ދެއްވައިފި އެވެ.

ނައިބު ރައީސް ޓީމާ ބައްދަލުކުރެއްވީ މުބާރާތް ބާއްވަން ހަމަޖެހިފައިވާ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި އިއްޔެ ހަވީރު އެވެ.

ކުޅުންތެރިންނާ ބައްދަލުކުރައްވައި ފައިސަލް ވަނީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ވެސް ފާހަގަކުރައްވައިފަ އެވެ. އަދި ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުޞަތުތައް ކުޅުންތެރިންނަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން އަންހެން ބާސްކެޓް ޓީމަށް ދެއްވި އެވެ. އަދި މި ފަހަރުގެ މުބާރާތުގައި ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ.

ފައިސަލް ވިދާޅުވީ ކުޅުންތެރިންގެ ޓާގެޓަކަށް ވާން ވާނީ ރާއްޖެ އަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތްކުރުން ކަމަށާއި ހުރިހާ ކުޅުންތެރިންގެ ކިބައިން އެކަމަށް މަސައްކަތްކޮށް ދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ނައިބު ރައީސް ޓީމާ ބައްދަލުކުރެއްވި އިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންގެ އިތުރުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިން ބަވެސް އިވެރިވެވަޑައިގެންނެވި އެވެ. އިއްޔެގެ ބައްދަލުވުމުގައި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުގެ ޖާޒީ، ނައިބު ރައީސް ޓީމާ ޙހަވާލުކޮށްދެއްވި އެވެ.

ހަ ގައުމު ވާދަކުރާ މި ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް" ކުރިއަށް ދާނީ މި މަހުގެ 24-30 އަށެވެ. ނިޔަލަށެވެ. ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ސާކްގައި ހިމެނޭ ބޫޓާން، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލެވެ.

މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގަ އެވެ. ދެވަނަ މުބާރާތް ރާއްޖޭގައި ބާއްވާ އިރު، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން އިންޑިއާ އާއި ތައިލެންޑުގައި ކޭމްޕްކޮށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައިވެ އެވެ.