Last Updated: July 27, 10:26
Saturday, July 27, 2024
ދުނިޔެ

ލަންކާގައި ޕެޑްގެ އަގުބޮޑުވެގެން ކަންބޮޑުވުން

ސްރީ ލަންކާގައި ޕެޑްގެ އަގުބޮޑުވެގެން އެކަމުގެ ކަންބޮޑުވުން ގާނޫނު ހަދާ މަޖިލީހުގައި ފާޅުކޮށްފި އެވެ.

އިއްޔެ ބޭއްވި ޖަލްސާގައި ސްރީ ލަންކާ ޕީޕަލްސް ފްރޮންޓްގެ މެމްބަރެއް ކަމަށްވާ ޕްރޭމްނާތު ޑޮލަވަޓޭ ވިދާޅުވީ ޕެޑްގެ އަގުބޮޑުވެގެން އާދައިގެ އާއިލާތަކުގެ އަންހެންނަށް މިހާރު މައްސަރު ކަންތަކުގައި ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ. އަދި މިކަމާ ހެދި މިހާރު ލަންކާގެ ސްކޫލްތަކުގެ އަންހެން ދަރިވަރުން ސްކޫލަށް ދާން ވެސް ހުރަސް އެޅިފައިވާ ކަމަށް ވިދާޅުވި އެވެ.

ޕްރޭމްނާތުގެ އެ ވާހަތަކާ ގުޅިގެން އިިދިކޮޅު މެމްބަރެއް ކަމަށްވާ ރޯހިނީ ކަވީރަތުނާ ވިދާޅުވީ ޕެޑްގެ އަގު އަތްނުފޯރާ ހިސާބަށް ދިޔައީ އެ ބާވަތުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅިގެން ކަމަށެވެ. އަދި މިއީ ސަރުކާރުން ހައްލެއް ގެނެސްދޭން ޖެހޭ އަވަަސް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

ޕެޑްގެ އަގު ބޮޑުވުމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހުގައި ފާޅުކުރުމާ ގުޅިގެން ލާންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބޫކްވެލާ ވިދާޅުވީ އެ މައްސަލާގައި މިހާރު ޓްރޭޑް މިނިސްޓްރި އާއި އެޑިއުކޭޝަން މިނިސްޓްރީއާ އެކީ މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޓްރޭޑް މިނިސްޓަރު ނަލިން ފެނާންޑޯ ވިދާޅުވީ ޕެޑްގެ އަގަށް އައި ބަދަލާ ގުޅިގެން ކަމާބެހޭ ހުރިހާ ފަރާތްތަކާ އެކީ މަޝްވަރާ ބައްދަލުވުމެއް ބާއްވައި އެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.