Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އޭއީއެޗަށް ދިވެހި 27 ޑޮކްޓަރުން ހޯދަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭނުންވާ ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ 12 ދާއިރާއަކުން 27 ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. އެއީ އެތެރެހަށީގެ ހަތަރު ޑޮކްޓަރުންނާއި ހޭނައްތާ ދެ ޑޮކްޓަރުންނާއި އޮޕަރޭޝަން ދެ ޑޮކްޓަރުންނާއި ކަށީގެ ތިން ޑޮކްޓަރުންނާއި ކުޑަކުދިންގެ ތިން ޑޮކްޓަރުންނާއި އަންހެނުންގެ ތިން ޑޮކްޓަރުންނާއި ހަމުގެ ދެ ޑޮކްޓަރުންނާއި ދެ ސައިކޭޓްރިސްޓުންނާއި ލޮލުގެ ޑޮކްޓަރަކާއި ތިން ރޭޑިއޮލޮޖިސްޓުންނާއި ޔޫރޮލޮޖިސްޓެއްގެ އިތުރުން ޕެތޮލޮޖިސްޓެކެވެ.

މި މަގާމުތަކުގެ މުސާރަ އުޅެނީ 25،260ރ. އާއި 54،430ރ. އާ ދެމެދުގަ އެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު ވަނީ މި މަހުގެ 27 އާ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

އޭއީއެޗް އަކީ އަތޮޅުތެރޭގައި ހިންގާ ހަމައެކަނި ޓާޝަރީ ހޮސްޕިޓަލެވެ. އެ ތަނުގެ ހިދުމަތް ފެށީ ޖެނުއަރީ 15، 2020 ގަ އެވެ. އޭއީއެޗުން އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ހިދުމަތްތައް އިތުރުކޮށް، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.