Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އައްޑޫ ބިންހިއްކަން ވެލި ނަގަން ތިން ސަރަހައްދެއް

އައްޑޫގެ ބިންހިއްކަން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑު މަޝްރޫއަަށް ބޭނުންވާ ވެލި ނަގާނެ ތިން ސަރަހައްދެއް މިހާރު ފާހަގަކުރެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބިން ހިއްކަން ސޭންޑް ސާޗްގެ ދިރާސާކޮށް މިހާރު ތިން ސަރަހައްދެއް ފާހަގަވެފައިވާ ކަމަށެވެ.

"މިހާރު ތިން ސަރަހައްދެއް އެބައޮތް ފާހަގަކޮށްފައި. ތިން ސަރަހައްދުން ދެ ސަރަހައްދު ފުދޭ މިންވަރަށް ވެލި ލިބޭނެ ކަމަށް އަދި ތިން ވަނަ ސަރަހައްދުގައި ވެސް ވެލި އެބަހުރި،" އަސްލަމް ވިދާޅުވި އެވެ. ނަމަވެސް ދެ ސަރަހައްދުން ފުއްދާލެވޭނެ ކަމަށް ބެލެވެނީ." އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބިންހިކުމުގެ ކުރިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ފަހު މި ހަފުތާގައި ފައިނަލް އީއައޭ ހުށަހަޅާނެ ކަމަށެވެ. އައްޑޫ ބިން ހިއްކުމާ ގުޅޭ އީއައިއޭ ރިޕޯޓް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހަޅާފައި އޮތަސް އެއަށް ބަދަލުތަކެއް ގެންނާނީ އަދި އޮތީ ރަސްމީކޮށް ބިންހިއްކަން ހުއްދަ ނުދީ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުބީ ވެލި ޕަމްޕްކުރުމުގެ ކުރިން ބަނޑުޖެހުމުގެ މަސައްކަތް ފަށާނެ ކަމަށާއި އަދި އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ފެށުން ކަމަށެވެ. އައްޑޫގައި ހުންނަވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި ބިން ހިއްކުން ރަސްމީކޮށް ފަށާނީ އަންނަ އަހަރުގެ މާޗް ހިސާބުގަ އެވެ.

އަައްޑޫ ބިންހިއްކަން ނެދަލޭންޑްސްގެ ވެން އޫޑްއާ ސަރުކާރުން ހަވާލުކުރީ މި އަހަރުގެ މާޗް 27 ގަ އެވެ.

އައްޑޫ ބިންހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ބިންހިއްކުމުގެ މި މަޝްރޫއުގެ ސަބަބުން މިހާރު އައްޑު އަށް އޮތް ބިމުގެ ދަތިކަން ކުރިއަށް 50 އަހަރަށް ހައްލުވާނެ އެވެ.