ޕާކިސްތާންގައި ދާފި ފަހުން ފެންބޮޑުވެ އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެފައިވާ އިރު، އެ ގައުމުގެ ހާލަތި ބެލުމަށްޓަކައި ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އެންޖީލާ ޖޯލީ އެ ގައުމަށް ގޮސްފި އެވެ.
ދާދި ފަހުން ޔުކްރޭނަށް ވެސް ޒިޔާރަތްކުރި ޖޯލީ އަކީ އދ. ގެ ހިއުމަނިޓޭރިއަން އެމްބެސަޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ތަރިއެކެވެ. ޖޯލީގެ ޕާކިސްތާން ދަތުރުގައި ފެންބޮޑުވުމުގެ ހާދިސާތަކުގައި އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލު ވެސް ކުރާނެ އެވެ.
Special Envoy to the United Nations
High Commissioner for Refugees, Miss Angelina Jolie arrives in #Pakistan to oversee UNHCR efforts in humanitarian relief for the #PakistanFloods2022. pic.twitter.com/tjdvnbTAU0— The Intel Consortium (@INTELPSF) September 20, 2022
މީގެ އިތުރުން އެ ގައުމުގެ ކަމާގުޅޭ އިދާރާތަކުގެ އޮފިޝަލުންނާއި ޖަމިއްޔާ ޖަމާއަތްތަކާ ވެސް ބައްދަލުކުރާނެ އެވެ.
ޕާކިސްތާނުގައި ފެންބޮޑުވެ ލިބުނު ގެއްލުންތައް 33 މިލިއަން މީހުން ތަޖުރިބާކުރަން ޖެހިފައިވާ އިރު، 1،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން ލިބުނު ގެއްލުން 40 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
ޕާކިސްތާނަށް 2010 ގައި ކުރި ވިއްސާރައިގައި ފެންބޮޑުގެން ލިބުނު ގެއްލުންތަކާއި 2005 ގައި އައި ބިންހެލުމަކާ ގުޅިގެން ވެސް ޖޯލީ އެ ގައުމުގެ ހާލަތު ބަލަން ޒިޔާރަތްކޮށްފައިވެ އެވެ.