ފުވައްމުލަކު ސިޓީގެ މަގު ހަދަން ގެނެސްފައި ހުރި ހިލަ އައްޑޫ ކައުންސިލަރަކު ވިއްކަމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.
އެމްޓީސީސީން ފުވައްމުލަކުގެ މަގުތައް ހެދުމަށް އެ ރަށަށް ގެންދިޔުމަށް ނިންމާފައިވާ ހިލަ މިވަގުތު ބަހައްޓާފައި ވަނީ ފޭދޫ ލިންކް ރޯޑް ފަސްގަނޑުގަ އެވެ.
މިއަދު ބޭއްވި އައްޑޫ ކައުންސިލްގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވިދާޅުވީ ފޭދޫ ފަސްގަނޑުގައި ޖަހާފައިވާ ހިލަ ފުނިއަކުން ހިލަ ވިއްކާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ކައުންސިލަރަކު ވެސް ހިމެނޭހެން 16،000ރ. ހިލަ ވިއްކަމުންދާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
އެއީ ކޮން ކައުންސިލަރެއްކަން ހާމަނުކޮށް އަހުމަދު ސައީދު ވަނީ އައްޑޫގެ މޭޔަރު އަލީ ނިޒާރު މިކަން ވަރަށް ރަނގަޅަށް ބަލައި މިކަން ވެފައިވާ ގޮތް ބަލައިދިނުމަށް އެދިފަ އެވެ.
"ހަމަ ޔަގީނުން ވެސް އަޅުގަނޑު ނުހިމެނޭކަން ޔަގީންކޮށް އަރުވަން. ދެން ތިބި ކައުންސިލަރުން، އަޅުގަނޑަކަށް ނޭނގޭ ކޮން ބައެއް ކަމެއް ހިމެނެނީ. ކައުންސިލަރުންނޭ ވިއްކަނީ. އަޅުގަނޑު ކައިރީ ބުނި މީހާ ބުނީ." ސައީދު ވިދާޅުވި އެވެ.
ސައީދުގެ މި ވާހަކަތަކާ ގުޅިގެން ހިތަދޫ ކޮރޮވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު މޫސާ ވަނީ ނިޒާމެއް މައްސަލައެއް ނަގައި ކައުންސިލަރުންނޭ ކިޔައިގެން އާންމު ތަނެއްގައި ވާހަކަ ދައްކާއިރު އަދި ތުހުމަތެއް ކުރާއިރު ވެސް އެ ވާހަކަ ތަންކޮޅެއް ސާފުކޮށް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ ތުހުމަތެއް ކުރަން ވާނީ އެކަށީގެންވާ ވަރަށް ހެކި ހުރެގެން ކަމަށްވެސް ޝިނާޒު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި އައްޑޫ މޭޔަރު ނިޒާރު ވިދާޅުވީ ކައުންސިލަރުން ކައުންސިލަރުންނަށް ތުހުމަތު ކުރުމަކީ ނިޒާމު ގެއްލިގެން ހިނގައިދާނެ ކަމަށާއި ކައުންސިލްގެ ރަސްމީ ޖަލްސާގައި ތުހުމަތުގެ ވާހަކަ ދެއްކުމަކީ އަމުދުން ރަނގަޅު އުސޫލެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެގޮތުން ބޮޑަށް ރަނގަޅީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް އަދި ކައުންސިލަށް ރަސްމީކޮށް ހުށަހެޅުން ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި ތުހުމަތާއި ގުޅޭ ވާހަކަތައް އިތުރަށް ކުރިއަށް ނުގެންދިޔުން ރަނގަޅު ކަމަށްވެސް ނިޒާރު ވަނީ ސައީދަށް ދަންނަވާފަ އެވެ.