Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އެމް-ފައިސާ މެދުވެރިކޮށް ވަޤްފް ފަންޑަށް ފައިސާ ފޮނުވޭނެ

އުރީދޫ މޯލްޑިވްސް އިން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑަށް ފައިސާ ޖަމާކުރެވޭ ޚިދުމަތް އިފްތިތާޙުކޮށްފި އެވެ.

މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކ.ހިންމަފުށި، މަސްޖިދުލް އިނާރާ މިސްކިތުގައި ބޭއްވި ރަސްމިއްޔާތެއްގައި ހިންމަފުށީގެ މެމްބަރުންނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓުގެ ހާޒިރުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލްޙަމާދީ އެވެ.

އުރީދު މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ޙާލިދް އަލް ހަމާދީ ވިދާޅުވީ ވަޤްފް ފަންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކަންކަމަށް ފަންޑުކުރުމުގައި އެންމެ ދެމެހެއްޓެނިވި އެއް ވަސީލަތް ކަމަށާއި ރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި ތަރައްޤީކުރުމަށް އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ ވަޤްފް ފަންޑަށް އެމް-ފައިސާ މެދުވެރިކޮށް ރައްޔިތުންނަށް ފައިސާ ވަޤްފް ކުރެވޭނެ މަގުފަހިކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ.ޒާހިރު ވިދާޅުވީ ރައްޔިތުންގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށްޓަކައި ޞަދާޤާތްކުރަން ބޭނުންފުޅުވާ ވަރަށް ގިނަ ބޭފުޅުން ތިއްބެވުމާއެކު، މިނިސްޓްރީގައި އުފައްދާފައިވާ "މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑު" އަށް ފައިސާ ޖަމާކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އަބަދުވެސް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

"އުރީދޫ އެމް ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވުމުގެ ފުރުޞަތު ހޯދައިދެވިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނޭކަން ޤަބޫލުކުރަން. އަދި މިކަމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ވަޤުފް ފަންޑަށް ޞަދަގާތް ކުރުމަށް މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރު ކޯޑު އުރީދޫ އެޕްމެދުވެރިކޮށް ކިއުއާރް ކޯޑް ސްކޭން ކުރުމުން އެމް-ފައިސާ މެދުވެރިކޮށް ޞަދަގާތްކޮށްލެވޭނެ އެވެ. މި ޙިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކިއުއާރު ކޯޑް ބަހައްޓާފައިވަނީ ކ.ހިންމަފުށީގައި ހުންނަ މަސްޖިދުލް އިނާރާގަ އެވެ. އެމް-ފައިސާ މެދުވެރިކޮށް ޞަދަގާތް ކުރުމަށް ކިއުއާރު ކޯޑުތައް އެހެން މިސްކިތްތަކުގައިވެސް އަދި ކައިރި މުސްތަގުބަލެއްގައި ބަހައްޓާނެކަން އުރީދޫއިން ހާމަކުރެ އެވެ.

ވަޤުފް ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ވަޤްފް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އުފައްދާފައިވާ ފަންޑެކެވެ.