Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ގްރީން ޓެކްސް ނަގަން ފަށައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފި އެވެ. މި ބިލަކީ، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލެކެވެ.

ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، އެ ޤާނޫނުގެ 11 ވަނަ އިޞްލާޙުގައި ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.

މި ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށާއި، ގްރީން ޓެކްސް، މި ޤާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވި ޢަމަލުކުރަން ފެށިފަ އެވެ.