Last Updated: October 4, 11:37
Tuesday, October 4, 2022
ޚަބަރު

ތިލަފުށީ ކުނިގޮނޑުން ހަފުތާއަކަށް ދުން އެރުން ގާތް

ކ. ތިލަފުށީގެ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އަލިފާނުގެ ހާދިސާ ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަ ސަރަހައްދުގައި ކަމަށާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އެ އަލިފާންގަނޑު ނިއްވާލެވުނަސް އެ ސަރަހައްދުން ދުން އަރަމުންދާ ކަމަށެވެ.

"ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު އެ ސަރަހައްދުން އަލިފާން ފެނި، ބޯކޮށް ދުން އެރުމީ އެކަށީގެންވާ ކަމެކެވެ." އެ ބަޔާނުގައި ވެ އެވެ.

ވެމްކޯ އިން ބުނީ ތިލަފުށީގައި ކުނި މެނޭޖުކުރުމަށް ކުރެވޭ މަސައްކަތުގައި ދުވާލެއްގެ މައްޗަށް 500 ޓަނަށް ވުރެ ގިނަ ޕްރޮސެސްކޮށް ބޭލްކުރެވެމުން އަންނަ ކަމަށެވެ. ނަމަވެސް ތިލަފުއްޓަށް ގެންދާ ކުނީގެ އަދަދު އިތުރުވެފައި ވުމާއި ކުނި މެނޭޖުކުރުމަށް ކުރާ މަސައްކަތް އިތުރުވެފައިވާތީ ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަނީ ތިލަފުށީގެ ކުނިފުންޏާއި ކީވޯލްއާ ދެމެދުގައި ކަމަށް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ވަނީ ތިލަފުއްޓަށް ކުނިގެންދާ އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނިގެންދިޔުމަށާއި އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.