އަންނަ ރިޔާސީ އިންތިހާބުގައި ހުންނަވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކީ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިވަގުތު ހުންނެވީ ޖުމްހޫރީ ޕާޓީގައި ކަމަށްވާ އިރު އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފަ އެވެ. އަދި އޭނަގެ ބޭބެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމަކީ ވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވާފައިވާ ބޭފުޅެކެވެ.
އާޒިމް "ސޯސަލް" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރައީސް ސޯލިހަކީ ގައުމަށް ވަރަށް އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރައްވާ ވެރިއެއް ކަމަށާއި އަދި ރައީސް ރައްޔިތުންނަށް ކަންކަން ކޮށްދެއްވަނީ ކޮށްދޭ ހިތުން ކަމާއި، ކޮންމެ ބަހެއް ވިދާޅުވަނީ ވެސް ހަމަ އެކަމެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.
އެމްޓީސީސީއާ ހަވާލުވިފަހުން ހިންގި ހުރިހާ ޕްރޮޖެކްޓެއް ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިޔުމަށް ރައީސް އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ. އަދި މިހާ އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ކަންކަން ކޮށްދޭން ބޭނުންފުޅުވާ ރައީސަކު ފެނިފައި ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ގަސްދުކުރާ ގޮތުގައި އަޅުގަނޑު ދެން އަންނަ ރިޔާސީ އިންތިހާބުގައި ހުންނާނީ ރައީސް ސޯލިހާއެކު." އާޒިމް ވިދާޅުވި އެވެ.
އާޒިމް މިހެން ވިދާޅުވި އިރު ރިޔާސީ ދެވަނަ ދައުރެއްގެ ޝައުގުވެރިކަން ރައީސް މީގެ ކުރިން ވަނީ ފާޅުކުރައްވައިފަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށްވާއިރު އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވައިފަ އެވެ.
ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި އެ ޕާޓީން އިއުލާންކޮށްފައެއް ނުވެ އެވެ.
އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަން ޕްރައިމަރީއެއް ބާއްވާއިރު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ޕްރައިމަރީއަކާ ނުލާ އަރުވައިފަ އެވެ.