Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ޖޯގްރަފިކް ތަންނަށް ނަން ދޭނެ އުސޫލެއް އެކުލަވާލައިފި

ޖޯގްރަފިކް ތަންތަނަށް ނަން ދޭނެ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެކުލަވާލައިފި އެވެ.

އެތަނުން ވަނީވަނީ ރަށްތަކާއި ފަޅުތަކާއި ފަރުތަކާއި ހާހަލާއި، އިދާރީ ދާއިރާތަކާއި އަދި ޖޯގްރަފީ ގޮތުން އެހެނިހެން ވެސް ހާއްސަ ތަންތަނުގެ ތެރެއިން ނަމެއް ކަނޑައަޅާފައި ނުވާ ތަންތަނަށް ނަމެއް ދިނުމާއި، އެފަދަ ތަނަކަށް ދީފައިވާ ނަމެއް އިސްލާހުކުރަން ޖެހިއްޖެ ހާލަތެއްގައި އިސްލާޙުކުރުމުގެ ގޮތުން ޖޯގްރަފިކް ނަންތަކާ ބެހޭ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. މި ކޮމިޓީގައި ހިމެނެނީ ސަރުކާރުގެ ނުވަ އިދާރާއެކެވެ.

ޖޯގްރަފިކް ނަންތަކާ ބެހޭ ކޮމިޓީ:

* މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ
* ރައީސް އޮފީސް
* ޕްލޭނިން މިނިސްޓްރީ
* އެންވަޔަރަންމަންޓް މިނިސްޓްރީ
* ދިވެހި ބަހުގެ އެކަޑެމީ
* ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަ މިނިސްޓްރީ
* ޓޫރިޒަމް މިނިސްޓްރީ
* ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)
* އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީ

ޖޯއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީން ނަންތައް ކިޔުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ނަން ދިނުމުގައި ދިވެހި ބަހުން ކިޔާ ނަމެއްކަމުގައިވުމާއ، މުޖުތަމަޢުގެ އަހުގާލީ މިންގަނޑުތަކަށް ފެތޭ ސާދާ އަދި ކިޔަން ރީތި ފަސޭހަ ނަމަކަށްވުން ހިމެނެ އެވެ. މީގެ އިތުރުން ކުރިން އެހެން ތަނަކަށް ކިޔައިފައިވާ ނަމަކަށް ނުވުމާއި، ރަށް ނުވަތަ އެ ރަށެއް އޮތް ސަރަޙައްދުގައި ފެންނަން ހުރި ކަންތައްތަކަށް މިސާލަކަށް ޖޯގްރަފީ، ޖިއޮލޮޖީ، ދިރޭތަކެތި، ތާރީޚަށް ރިއާޔަތްކޮށް ނަމެއް ދިނުން ވެސް ހިމެނެ އެވެ.

ޖޯގްރަފިކް ތަންތަނަށް ނަން ކިޔުމުގައި ބަލާނެ ކަންކަން:

* ރަށުގެ ކުޑަ ބޮޑުމިން/މިސާލު: ދިގުރަށް، ކުޑަރަށް، ގަން، ދިއްފުށި، ދޫނިދޫ
* ރަށް އުފެދުމުގައި ހުރި ސިފަތައް/މިސާލު: އުސްފުށި، ބާރަށް
* ރަށް އޮތް ތަން ސަރަޙައްދު ނުވަތަ ހިސާބުގަނޑު
* ރަށުގެ ޤުދުރަތީ އުމުރު
* ރަށުގެ ހާސީއްޔަތު ރަށުގައި ނުވަތަ ވަށައިގެންވާ ވަސީލަތްތަކާއި، ދިރުންތައް ނުވަތަ ޖިއޮލޮޖިކަލް ފީޗާސް)
* ރަށް ނުވަތަ ސަރަޙައްދުގެ ތާރީޚަށް ރިއާޔަތްކޮށް

އުސޫލުގައ ބަޔާންކޮށްފައިވާ ގޮތުގައި ތިން ވަނަ ފަރާތަކުން ޖޯގްރަފިކް ތަނަކަށް ނަން ކިޔަން ހުށަހަޅާ ނަމަ، ހުށަހަޅާ ނަންތަކާއި އެ ނަމެއް ހުށަހަޅާ ސަބަބުތައް އުސޫލާ އެއްގޮތަށް ބަޔާންކުރަން ޖެހޭނެ އެވެ. އަދި ސަރުކާރުގެ އިދާރާއެއް ފިޔަވައި ތިން ވަނަ ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ އެ ފަރާތަކުން ފަޅެއްގައި ހިއްކާފައިވާ ރަށަކަށްވާ ނަމަ އެވެ.

އަދުި އެ ރަށަކީ ނުވަތަ އެރަށް ހިމެނޭ ފަޅަކީ އެ ފަރާތައް ސަރުކާރުގެ ވުޒާރާއަކުން ކުއްޔަށް ދޫކޮށްފައިވާ ތަނަކަށް/ފަޅަކަށް ވާން ވެސް ޖެހޭނެ އެވެ.

ރަށަކަށް ކިޔާނަމެއް ބަދަލުކުރަން ތިންވަނަ ފަރާތަކަށް ހުށަހެޅޭނީ އެ ފަރާތަކަށް ކުއްޔަށް ދީފައިވާ ރަށަކަށް ވާނަމަ އެވެ. އެގޮތަށް ހުށަހަޅަން ވާނީ އެފަރާތާއ ރަށް ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާ މެދުވެރިކޮށް ކަމަށް ވެސް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ބުންޏެވެ.