Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހިތަދޫ ސަންސެޓް ބީޗް އޭރިއާ ބީލަމަށް

އައްޑޫ ހިތަދޫ ސަންސެޓް ބީޗް އޭރިއާގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިކަމަށް ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށާއި ބީލަމުގައި ބައިވެރިވާން މި މަހުގެ 27 ގެ މެންދުރު ފަހު 1:00 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭ ކަމަށެވެ. އަދި މި މަޝްރޫއާ ގުޅޭ ބިޑް ޑޮކިއުމަންޓް މި މަހުގެ 28 އިން ފެށިގެން އަންނަ މަހުގެ 4 އާ ހަމައަށް ކައުންސިލް އިދާރާ އިން ވިއްކަމުން ދާނެ ކަމަށެވެ.

ދިވެހިންނަށް ބިޑް ޑޮކިއުމަންޓް 10،000ރ. އަށް ވިއްކަން ނިންމާފައިވާ އިރު، ބިދޭސީ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ 700 ޑޮލަރަށެވެ.

ކައުންސިލުން ބުނި ގޮތުގައި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް ވާޗުއަލްކޮށް އަންނަ މަހުގެ 6 ގައި ބާއްވާނެ އެވެ. އަދި ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އަންނަ މަހުގެ 11 ގަ އެވެ. މިކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ މި planning@adducity.gov.mv އީމެއިލް މެދުވެރިކޮށް މި މަހުގެ 27 ގެ މެންދުރު ފަހު 1:00 ކުރިން އެދެން ޖެހެ އެވެ.

ކައުންސިލުން ބުނި ގޮތުގައި ހިތަދޫ ސަންސެޓް ބީޗް އޭރިއާގައި ތަރައްގީކުރަން ބޭނުން ވަނީ ލަގްޒަރީ ވިލާ ނުވަތަ ގެސްޓް ހައުސްް ހިމެނޭ ޓޫރިސްޓް ފެސިލިޓީއެކެވެ.

އައްޑޫގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމްގެ ފަސް ޒޯނެއް ކަނޑައަޅައި އެތަނުން ގިނަ އަދަދެއްގެ ބިންތަކެއް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު މިހާތަނަށް ޓޫރިޒަމް ޒޯންތަކުގައި އެކަށީގެންވާ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

މި ޒޯންތަކުގެ އަމާޒަކަށްވެފައި އޮތީ ސަރުކާރުގެ މި ދައުރުގައި އައްޑޫގެ ޓޫރިސްޓް އެނދު 8،000 އަށް އިތުރުކުރުމެވެ.

ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން ކަނޑައެޅި އައްޑޫގެ ޓޫރިޒަމް ޒޯންތަކަކީ ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އާއި ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނާއި "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނެވެ. މި ތަންތަނުން 93 ބިމެއް ތަރައްގީކުރަން ނިންމާފައިވެ އެވެ.