Last Updated: June 9, 10:24
Friday, June 9, 2023
ދުނިޔެ

އައިއެމްއެފުން އެހީ ލިބޭ ގޮތެއް އަދި ނުވޭ: ރަނިލް

ސްރީ ލަންކާ އަށް ދިމާވެފައި އޮތް މާލީ އަދި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދަން މަޝްވަރާތަކެއް ކުރެވެމުން ދިޔަ ނަމަވެސް އަދި އެހީއާ ގުޅޭ ގޮތުން އެއްވެސް އެއްބަސްވުމަކަށް ނާދެވޭ ކަމަަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިމްހަ ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ އައިއެމްއެފާ އެކު ކުރެވޭ މަޝްވަރާތަކާ ގުޅޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބެވަރުދަނާ މެދުވެރިކޮށް މަޖިލީހުގައި އިއްޔެ އިއްވި ބަޔާނެއްގަ އެވެ. އޭގައި ރަނިލް ވިދާޅުވީ އައިއެމްއެފުން އެހީ ހޯދަން ކުރެވޭ މަޝްވަރާރަކުގައި މިހާތަނަށް ސްޓާފް ލެވެލްގައި އެއްބަސްވުންތަކަކަށް އާދެވުނަސް، އްޒެގެޓިވް ބޯޑް ފެންވަރުގައި އެހީގެ އެއްވެސް ކަމަކާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ.

ނަމަވެސް ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެެއްބަސްވުންތަކަކާ ހަމައަށް އާދެވުމުން ސަރުކާރުން ރަސްމީކޮށް އެކަންކަން ހާމަކުރާނެ ކަމަށް ވެސް ރަނިލް ވިދާޅުވި އެެވެ. އޭނާ ވިދާޅުވި ގޮތުގައި އައިއެމްއެފާ އެކީ ކުރެވޭ މަޝްވަރާތައް ނިމުމަކަށް އައުމުން އެކަން ކެބިނެޓާ ވެސް ހިއްސާކޮށް، ކެބިނެޓް ފެންވަރުގައި އިތުރު މަޝްވަރާތަކެއް ވެސް ކުރެވޭނެ އެވެ.

އައިއެމްއެފްގެ އެހީ ހޯދަން ލަންކާ އިން އިން މަޝްވަރާތައް ކުރަމުން އަންނަ އިރު، ދުނިޔޭހެ މާލީ ބޮޑެތި ބައެއް އިދާރާތަކުން ވަނީ ލަންކާ އަށް އެހީވުމުގައި ފަސްޖެހިފަ އެވެ. ސަބަބަކީ އެ ގައުމުގެ ދަރަނި ބޮޑުވެ، ލޯންގެ ގޮތުގައި ދޭ އެހީ ވެސް އަނބުރާ ދެއްކިދާނެކަމާ މެދު ބޮޑެތި ސުވާލުތަކެއް ހުރުމެވެ. އަނެއްކޮޅުން ލަންކާ އަށް މި އަހަރުގެ ކުރީކޮޅުން ފެށިގެން ކުރިމަތިވި ހާލަތާ ހެދި އެ ގައުމުގެ ވެރިން ވެސް ލަންކާ ސިފަކޮށްފައ ވަނީ "ބަނގުރޫޓްވެފައިވާ" ގައުމެއްގެ ގޮތުގަ އެވެ. އެ ވާހަމަ އެގޮތަށް ރަނިލް ވެސް ރައީސް ކަމަށް ޖުލައި މަހުގެ 20 ގައި އިންތިހާބުވެވަަޑައުގަތުމުގެ ކުރިން ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައިގެން އެ މަހުގެ ކުރީކޮޅު ވިދާޅުވެފައިވެ އެވެ.

ލަންކާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ބޭރު ފައިސާ ނުވަތަ ޑޮލަރުގެ ރިޒާވެއް ނެތުމެވެ. މީގެ ސަބަބުން އިމްޕޯޓާއި އެކްސްޕޯޓަށް ވެސް ރޫއަރައި، ގައުމުގެ އަސާސީ އެތައް ހިދުމަތަކަށް ވެސް ވަނީ ފާއިތުވި 70 އަހަރުގެ ތެރޭގައި ކުރިމަތިނުވާ ވަރަށް ދަތިކަން ކުރިމަތިވެފަ އެވެ.