Last Updated: October 4, 22:10
Wednesday, October 4, 2023
މުނިފޫހިފިލުވުން

ޝާހްރުކަކީ ބޮލަށް ވަރަށް ފަސޭހަ މީހެއް: ގޯރީ

ޝާހްރުކް ޚާނަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ބޮލަށް ފަސޭހަ މީހެއް ކަމަށް އޭނަގެ އަންހެނުން އަދި މަޝްހޫރު އިންޓީރިއާ ޑިޒައިނަރު ގޯރީ ޚާން ބުނެފި އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭ ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން 7" އިން މިރޭ ދަންވަރު ސްޓްރީމްކުރަން ހަމަޖެހިފައިވާ އެޕިސޯޑްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ގޯރީ ބުނީ ޝާހްރުކަކީ ކޮންމެ ހާލަތަކަށް ވެސް ހެޔޮވަރު މީހެއް ކަމަށެވެ. އެހެންވެ ގޯރީ ފިރީމީހާ ސިފަކުރީ މިހާތަނަށް ހަޔާތުގައި ދިމާވި "ބޮލަށް އެންމެ ފަސޭހަ މީހާ" ގެ ގޮތުގަ އެވެ.

"ދަރިންނާ އެކީ ގޭގައި ވަގުތު ހޭދަކުރުން ކަމަށް ވިޔަސް ގޭގެ ކަންކަން ބެލެހެއްޓުން ކަމަށް ވިޔަސް އަދި އާއިލާގެ ބަޔަކު ޒިޔާރަތްކޮށްގެން އުޅުނަސް އެ ހުރިހާ ކަމެއް ޝާހްރުކް ވަރަށް ރަނގަޅަށް މެނޭޖްކުރާނެ،" ގޯރީ ބުންޏެވެ. "ކުރުކޮށް ބުނަންޏާ އޭނަ އަކީ ކޮންމެ ހާލަތަކަށް ވެސް ހެޔޮވަރު މީހެއް. ވަރަށް ބަރާބާރަށް ކޮންމެ ކަމެއް ވެސް މެނޭޖްކޮށް ހޭންޑްކުރާނެ. އެއީ އަހަރެން ވަރަށް ގަޔާވާ އޭނަގެ ވަރަށް ހާއްސަަ ސިފައެއް."

އޭނާ ކިޔައިދިން ގޮތުގައި ޝާހުކަކީ ވަރަށް އެހީތެރި، ބަރާބަރު ފިރިއަކަށްވާތީ ކަންބޮޑުވާން ޖެހޭ ކަންކަން ވަރަށް މަދެވެ. އެހެންވެ ޕްރޮފެޝަނަލް މަސައްކަތުގައި ދެ މީހުން ބިޒީކޮށް އުޅުނަސް އެކަކު އަނެކަކު ނެތްތަން ފޫދައްބަން އަބަދު ވެސް ޝާހްރުކަކީ އެއް ވަނައިގެ މީހެއް ކަމަށް ވެސް ގޯރީ ބުންޏެވެ.

މިފަދަ ސަބަބުތަކާ ހެދި ޝާހްރުކާއި ގޯރީގެ ޖޯޑަކީ ގިނަ ބައެއްގެ މެދުގައި ނަމޫނާ ދެމަފިރިން ވެސް މެ އެވެ. އެކަމަކު ކައިވެނީގެ އެހެން ގުޅުންތަކުގައި ވެސް ކުދިކުދި މައްސަލަތައް ޖެހޭ ގޮތަށް އެ ދެ މީހުންގެ މެދުގައި ވެސް މީގެ އަހަރުތަކެއް ކުރިން ކުނިތަކެއް ޖެހުނެވެ.

އެއީ ޝާހްރުކާ އެކީ 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2" ކުޅުު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ސިއްރު ގުޅުމެއް ބޭއްވި މައްސަލަ އެވެ. އެކަމާ ގުޅިގެން ގޯރީ ވަނީ ދެން ޕްރޮޔަންކާއާ އެކީ މަަސައްކަތްނުކުރަން ޝާހްރުކަށް އިންޒާރު ދީފަ އެވެ.

"ކޮފީ ވިތު ކަރަން 7" ގައި ގޯރީ ވަނީ ދަރިންނާ ބެހޭ ގޮތުން ވެސް ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު ދޮށީ ދަރިފުޅު އަރިއަން ޚާންގެ މައްޗަށް ކުރެވުނު މަސްތުވާތަކެތީގެ ތުހުމަތުގެ ސަބަބުން އާއިލާ އަށް ވަރަށް ފުން ހިތާމަ އާއި ހިތްދަތިކަމަކާއި ވޭނަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުންޏެވެ.

ގޯރީ ބުނި ގޮތުގައި ދޮށީ ދެ ދަރިންނަށް މިހާރު ދޭން އޮތް އެންމެ ބޮޑު ނަސޭހަތަކީ އެއްފަހަރާ ދެ މީހުންނާ ރައްޓެހިވެގެން ނޫޅުމެވެ. މިދިޔަ އަހަރު އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވި އަރިއަން މިހާރު 24 އަހަރެވެ. ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ފިލްމު "ދި އާޗީސް" ކުޅެމުން އަންނަ ސުހާނާ ޚާނަށް މިހާރު 22 އަހަރެވެ.


މި ދެ ކުދިންގެ އިތުރުން ޝާހްރުކާއި ގޯރީގެ ދެން ހުންނަނީ ސަރޮގޭޓްކޮށްގެން ހޯދި އަބްރަމް ޚާން، 9، އެވެ.

މިރޭ ރާއްޖެ ގަޑިން 11:30 ގައި ސްޓްރީމްކުރާ "ކޮފީ ވިތު ކަރަން 7" ގެ އެޕިސޯޑްގައި ގޯރީގެ އިތުރުން އެކްޓަރު އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ އަންހެނުން މަހީޕް ކަޕޫރާއި އެކްޓަރު ޗަންކީ ޕާންޑޭގެ އަންހެނުން އަދި ބަތަލާ އަނަންޔާ ޕާންޑޭގެ މަންމަ ބާވްނާ ޕާންޑޭ ވެސް މެހުމާނުންގެ ގޮތުގައި ފެންނާނެ އެވެ.