Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

ފަތުވާ ދޭން ވާނީ ފަތުވާ އިމްޕޯޓްނުކުރާ ބައެއް

ފަތުވާ ކައުންސިލް ނުވަތަ ފިގްހު އެކެޑަމީގައި ތިބެން ވާނީ އިލްމީ ފިގުހީ ބަހުސްކުރަން ދަންނަ އަދި އެހެން ގައުމުތަކުން ފަތުވާ އެކްސްޕޯޓްނުކުރާ ބަޔަކު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަތުވާ ކައުންސިލް ހުއްޓިފައިވާތީ އެކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ދީނީ އިލްމުވެރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައުވާ ކައުންސިލެއް ނުވަތަ ފިގުހު އެކަޑެމީއެއް ވިޔަސް އޭގައި ތިބެން ވާނީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓްނުކުރާ އަމިއްލަ ރައުޔަތް ތައައްސަބު ނުވާ ބައެއް ކަމަށެވެ.

"އިލްމީ ފިގުހީ ބަހުސްކުރަން ދަންނަ އަދި ވަގުތާއި ހާލަތަށް ފިގުހު ދަންނަ އިލްމުވެރިން އޭގައި [ތިބެން ވާނީ.]" ޝަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ފަތުވާ ކައުންސިލްގެ މަސައްކަތް ހުއްޓިފައި އޮންނަތާ މިހާރު އެތައް ދުވަހެކެވެ. މީގެ ސަބަބުން މިހާރު ރާއްޖޭގައި އުފެދޭ ދީނީ ބޮޑެތި މައްސަލަތަކުގައި ފަހު ބަސް ބުނާނެ ރަސްމީ ފަރާތެއް ނެތުމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.

ނަމަވެސް ދާދި ފަހުން ސަރުކާރުން ބުނެފައި ވަނީ މިހާރު ނިންމާފައި އޮތީ ފަތުވާ ކައުންސިލްގެ ފިގުހު ޒިންމާތައް އަލަށް އުފައްފަން ނިންމާފައިވާ ފިގުހު އެކަޑެމީ އަށް ދޭން ކަމަށެވެ. ރައީސް އޮފީހުން މި މަހުގެ ކުރީކޮޅު ބުނެފައި ވަނީ ފިގުހު އެކަޑެމީ އެކުލަވާލުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ގާނޫނަށް ބަދަލު ގެނެސް، މާ ގިނަ ދުވަސްތަކެއް ނުވެ އެ އެކަޑެމީގެ މަސައްކަތްތައް ފަށާނެ ކަމަށް ވެސް ބުންޏެވެ.