Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

14 އައިސްޕްލާންޓެއް ހިންގަން ފެނަކަ އަށް

މިފްކޯ އިން ހިންގަމު އައި 14 އައިސްޕްލާންޓެއް ހިންގަން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހްމަދު ސައީދު މުހައްމަދެވެ. މިފްކޯގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާޢީލް ފައުޒީ އެވެ.

ރަސްމިއްޔާތުގައި ވަނީ އައިސްޕްލާންޓްތަކުގެ ރަމްޒީ ތަޅުދަނޑި ވެސް ފެނަކައާ ގަވާލުކޮށްފައެވެ.

ރާއްޖޭގައި ފުޅާކޮށް ކަރަންޓާއިު ފެނާއި ނަރުދަމާހެ މަސައްކަތްކުރާ ފެނަކަގެ ސީއީއޯ ވިދާޅުވީ، ސަރުކާރުން ފެނަކައަށް އިތުބާރުކޮށް އައިސްޕްލާންޓްތަކެއް ހިންގަން ޙަވާލުކުރުމަކީ އުފާކުރާ ކަމެއް ކަމަށާއި އެކަމަށްޓަކައި ޝުކުރު ވެސް އަދާކުރާ ކަމަށެވެ.

ސައީދު ވިދާޅުވީ ފެނަކަގެ ވިސްނުން ހުރީ އައިސްޕްލާންޓްތައް އޮޕަރޭޓްކުރާ ތަންތަނުގައި މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖް ލޮކަތަކެއް ވެސް ތައާރަފްކޮށް، މަސްވެރިންނަށް މަސް ރައްކާކުރެވޭނެ ވިއްކޭނެ އިންތިޒާމް ވެސް ހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި އެކަން ކުރެވިއްޖެނަމަ މަސްވެރިން ބާނާ މަހަށް މި ސަރުކާރަށް ވަރަށް ބޮޑު ތަސައްލީއެއް ހޯދައި ދެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފެނަކައިން އައު އެއްޗެއް އުފައްދަދާނެ އިތުބާރާއި ޔަޤީންކަން. އިރާދަކުރެއްވިއްޔާ މިވަގުތު އަޅުގަނޑުމެންނާއި ހަވާލުކުރި ޕްލާންޓްތަކުގެ ކެޕޭސިޓީ ހުރި ވަރަކުން ނުހުއްޓި އައިސް ލިބޭނެ ހުރިހައި އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސައި ދޭނަން،" ސައީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ފުރަތަމަ މަރުހަލާގައި މައިގަނޑު ކަމަކީ ހުއްޓިފައި ހުރި ޕްލާންޓްތައް ސައުވީސް ގަޑިއިރު ހިންގޭނެ ފަދަ މެކޭނިޒަމްއަކަށް ގެނައުން. އެއަށްފަހު ހަރަދުކުޑަކުރުމަށް އަޅުގަނޑުމެންގެ ކޭބަލް ނެޓްވޯކްއާއި ގުޅަން. އަދި މިވަގުތައް ހަރުކުރެވެން ހުރި ތަންތަނުގައި ސޯލާ ޕެނަލް ހަރުކުރުން."

މިފްކޯގެ ސީއީއޯ ފައުޒީ ވިދާޅުވީ އެ ކުންފުނިން ހިންގައުމް އައި އައިސްޕްލާންޓްތައް ފެނަކައާ ޙަވާލުކުރުމުން މަސްވެރިންނަށް އައިސް ލިބުމުގައި ދެން މާ ރަނގަޅަށް، މާ ފަސޭހަކޮށް މަސައްކަތް ކުރެވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މަސްވެރިންނަށް ހިދުމަތް ދިނުމަށް މިފްކޯ އިން ފެނަކައާ އެކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ.

"މިފްކޯގެ ޓީމުން އައިސްޕްލާންޓް ހިންގުމަށްވުރެ ފެނަކަ ޓީމުން މިކަން މާރަނގަޅަށް އެކަން ކުރާނެ ކަމަށް ގަބޫލުކުރަން. ސަބަބަކީ އަޅުގަނޑުމެންވެސް ޖަނަރޭޓަރު ހިންގައިގެން އައިސްޕްލާންޓް މި އޮޕަރޭޓްކުރަނީ،" ފައުޒީ ވިދާޅުވި އެވެ. "އެހެންކަމުން ފެނަކަ އިންޖީނުގެއާ ގުޅާލެވިއްޖެކަމަށްވަންޏާ ހީވަނީ މަސްވެރިންނަށްވެސް މިއަށްވުރެ ރަނގަޅު ޚިދުމަތެއް ނުހުއްޓި ކޮންމެ ދުވަހަކު ގެންދެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ."

ފެނަކައާ ހަވާލުކުރި ށްފައިވާ އައިސްޕްލާންޓްތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ހިތަދޫ، ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކިލަމާފުށި، ގދ. ފިޔޯރީ އަދި ގދ. ފަރެސްމާތޮޑާ އައިސްޕްލާންޓެވެ.