Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ފޭދޫ ކުޑަކުދިންގެ ޕާކް ވާނުވާގައި!

ޔޫތު މިނިސްޓްރީން އައްޑޫގައި ހަދަން ނިންމި ކުޑަކުދިންގެ ޕާކްތަކުގެ ތެރެއިން ފޭދޫ ކުޑަކުދިންގެ ޕާކް ނެހެދި ލަސްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މި ޕާކް ހަދަން ނިންމާފައި އޮތީ ފޭދޫން ހިއްކާފައިވާ ބިމުން ފޭދޫގެ ކޮޅުން ޓޫރިޒަމް ޒޯނަށް ހާއްސަކުރި ދިމާ ހިމެނޭ ސަރަހައްދުގެ ދިމާއެއްގަ އެވެ. އެގޮތުން މިނިސްޓްރީން ވަނީ ފޭދޫގެ އިތުރުން ހިތަދު އާއި މަރަދޫގެ ޕާކަށް ބޭނުންވާ ސާމާނު ވެސް މިދިޔަ އަހަރުގެ ތެރޭގައި ހަވާލުކޮށްފަ އެވެ. އަދި ހިތަދޫ ޕާކާއި މަރަދޫ ޕާކް އޮތީ މިހާރު ނިންމައިފަ އެވެ.

ނަމަވެސް ފޭދޫ ޕާކްގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރެވިފައެއް ނެތެވެ. އަދި ފޭދޫ ޕާކަށް ބޭނުންވާ ސެޓަޕް ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގައި ބަހައްޓާފައި ހުންނަތާ އެތައް ދުވަހެއްވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ފޭދޫގެ ޕާކްގެ އަމަލީ މަސައްކަތް ނުފެށިގެން އުޅެނީ އެ ޕާކްގެ އިންސްޓަލޭޝަނަށް ފޭދޫ އަވަށު އޮފީހުން ޑިމާންޑްކުރާ ވަރަށް ފައިސާ ނުލިބިގެންނެވެ. އެގޮތުން އިންސްޓަލޭޝަނަށް 200،000ރ. ހަރަދުވާނެ ކަމަށް އަންގާފައިވާ ކަމަށް އެނގިފައިވެ އެވެ. މިކަމާ ބެހޭ ގޮތުން ފޭދޫގެ ކުޅިވަރު ކަންތައްތަކާ ހަވާލުވެ ހުންނެވި މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާގެ ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނަގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިނިސްޓްރީން ވަނީ ތިން އަވަށުގެ ޕާކްގެ އިންސްޓަލޭޝަނާއި ނާލު ފީ އަށް ބޭނުންވާ ފައިސާ ވެސް ކައުންސިލަށް ޖަމާކުރަން ފިނޭންސް މިނިސްޓްރީ އަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ގައި ފޮނުވާފައިކަން މޭޔަރު އަލީ ނިޒާރަށް އެ މަހުގެ 15 ގައި ފޮނުވި ސިޓީއަކުން ވެސް އަންގައިފަ އެވެ.

އެ ސިޓީގައި މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި ޕާކްތަކުގެ އިންސްޓަލޭޝަން ފީއަށް ބޭނުންވާ 30،000ރ. އާއި ޕާކް ސެޓަޕްތައް އައްޑު އަށް ގެންދަން ނާލު ފީއަށް ހޭދަވި 37،100ރ. އާ އެކީ ޖުމްލަ 67،100ރ. ކައުންސިލަށް ޖަމާކޮށްދޭން ފިނޭންސް މިނިސްޓްރީގައި ޔޫތު މިނިސްޓްރީން އެދިފައިވެ އެވެ.

އެހެންވެ އައްޑޫގެ މި ތިން ޕާކާ ގުޅޭ ފައިސާގެ ހުރިހާ މުއާމާލާތެއް މިނިސްޓްރީން އޮތީ ނިންމައިފަ އެވެ.

ނަމަވެސް 2020 ގައި ހަދަން ނިންމި ޕާކް ހަދާފައި ނުވާތީ އެކަމާ ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވެ އެވެ.

ޔޫތު މިނިސްޓްރީން އައްޑޫގެ ތިން އަވަށެއްގައި ޕާކްތައް ހަދަން އެ މިނިސްޓްރީ އާއި ކައުންސިލާ ދެމެދު ސޮއިކޮށްފައި ވަނީ ނޮވެމްބަރު 18، 2020 ގަ އެވެ.