Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

އިމްޕޯޓް އިތުރު، އެކްސްޕޯޓް ދަށް

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެ، އާމްދަނީ 36 ޕަސެންޓް މައްޗަށް ޖެހިފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު އޮގަސްޓް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެ އަށް އިމްޕޯޓުކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 4.8 ބިލިއަނަށް އަރާފައެވެ. މިއީ 48 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ އޮމާނުންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 22 ޕަސެންޓަކީ އޮމާނުން އެތެރެކުރި މުދަލެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރު ދަށްވެފައިވާ އިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު އެކްސްޕޯޓުކޮށްފައިވަނީ 247 މިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރު އެ އަދަދު އުޅެނީ 115 މިލިއަން ރުފިޔާގަ އެވެ. މިއީ 53 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ އޮގަސްޓް މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނުވިލާތުންނެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 24 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

އޮގަސްޓް މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 36 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 391 މިލިއަން ރުފިޔާގަ އެވެ.