ބޭންކް އޮފް މޯލްޑިވްސްއިން މިއަހަރުގެ ޖޫން މަހު އިފްތިތާހުކުރި ފެހި ޕްރޮޖެކްޓް ލިބޭ ރަށްތައް އިއުލާންކޮށްފި އެވެ.
މި ޕްރޮޖެކްޓަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އިފްތިތާހު ކުރި ޕްރޮޖެކްޓެކެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި ތައާރަފްކުރި ބީއެމްއެލް ފެހި ޕްރޮޖެކްޓް ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮޖެކްޓް ހިންގުމަށް ކޮންމެ އަހަރަކު 5 ރަށެއް ހޮވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން މި އަހަރު ފެހި ޕްރޮޖެކްޓްގެ ދަށުން ހޮވުނު ފަސް ރަށަކީ ނ.މާފަރު، ޅ.ހިންނަވަރު، މ.ދިއްގަރު، ތ.ގުރައިދޫ އަދި ގދ.ގައްދޫ އެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓްގެ ދަށުން ހޮވުނު ރަށްތަކަށް ރާއްޖޭގައި ހިންގާ ނާސަރީތަކުން ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށާއި މިގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވުނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.