Last Updated: June 9, 07:00
Friday, June 9, 2023
ޚަބަރު

ޔާމީންގެ ދަތުރުތަކުން ލިބުނު ފައިދާއެއް ނެތް

ވެރިކަމުގައި ހުންނެވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅުތަކުން ރާއްޖެއަށް ލިބުނު ފައިދާއެއް ފެންނަން ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ 2014 ވަނަ އަހަރު އެކަނިވެސް ރައީސް ޔާމީން ސިންގަޕޫރަށް ހަ ދަތުރުފުޅު ކުރެއްވި ކަމަށެވެ. އަދި ވެރިކަމުގައި ހުންނެވިއިރު ޔާމީން ވަނީ ސިންގަޕޫރަށް ނުވަ ދަތުރުފުޅެއް ކުރައްވާފަ އެވެ. ސައުދީ އަރަބިއްޔާއަށް ހަ ދަތުރުފުޅެއް ކުރެއްވިއިރު މެލޭޝިއާއަށް ހަތަރު ދަތުރުފުޅެއް ކުރެއްވި ކަމަށް މިއުވާން ވިދާޅުވި އެވެ.

ޔާމީން ޗައިނާ އާއި އިންޑިއާއަށް ތިން ފަހަރު ވަޑައިގެންނެވި އިރު ސްރީލަންކާއަށް ދެ ފަހަރު ވަޑައިގެންނެވި ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. އަދި ތައިލެންޑް، ޕާކިސްތާން، ނޭޕާލް، ޖަޕާން އަދި ޔޫއޭއީ މިއިން ކޮންމެ ގައުމަކަށް އެއް ދަތުރުފުޅު ކުރެއްވި ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވަނީ މިހާ ގިނަ ދަތުރުފުޅުތައް ކުރެއްވި ނަމަވެސް ރާއްޖެ އާއި ރައްޔިތުންނަށް އެ ދަތުރުފުޅުތަކުން ލިބުނީ ކޯއްޗެއްތޯ ރައްޔިތުން ވިސްނާލަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

"އެ ދަތުރުފުޅުގެ ނަތީޖާ އަކީ، ރައްޔިތުންނަށް ލިބުނީ ކޮން ފައިދާއެއްތޯ، ރައްޔިތުންނަށް އޭގެ ސަބަބުން ކުރީ ކޮން ކަހަލަ ފައިދާތަކެއްތޯ، ރައްޔިތުންނަށް ލިބުނީ ކޯއްޗެއްތޯ އަޅުގަނޑުމެންނަށް ފެންނަން އެހެރީ. އެހެންވީމަ އޭގެ ނަތީޖާ މާ ރަނގަޅު ކަމަކަށް ނެތް ފެންނާކަށް." މިއުވާން ވިދާޅުވި އެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އެއްވެސް ދަތުރެއް ނުކޮށް، އެއްވެސް ރައްޔިތެއްގެ ހާލު ނުބައްލަވާ، ހަމައެކަނި ރައީސް އޮފީހުގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައި ދެކުން އެއީ ގޯހެއް ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

މިއުވާން މިހެން ވިދާޅުވެފައިމިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަންގާފައިވާ ދަނޑިވަޅުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ގިނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.