Last Updated: October 4, 11:37
Tuesday, October 4, 2022
ޚަބަރު

މަސްވެރިންނަށް ދުރާލާ އައިސް ގަނެވޭނެ ގޮތް ހަދައިފި

މަސްވެރިންނަށް ދުރާލާ އައިސް ލިބޭނެގޮތް ފެނަކައިން ހަމަޖައްސައިދީފި އެވެ.

މިފްކޯގެ 14 އައިސްޕްލާންޓް ފެނަކައާ މިއަދު ހަވާލުކޮށްފައިވާއިރު ފެނަކަ އިން މިއަދު ވަނީ "ފެނަކަ އައިސް" އޮންލައިން ޚިދުމަތް ތައާރަފްކޮށްފަ އެވެ.

ފެނަކަ އިން ބުނީ މި ޚިދުމަތް މެދުވެރިކޮށް މަސްވެރިންނަށް ފަސޭހަކަމާއެކު ފޯން ނަންބަރ ބޭނުންކޮށްގެން ލޮގްއިން ކުރެވޭނެ ކަމަށާއި ލޮގިން ކުރުމަށްފަހު އައިސް ބޭނުންވާ ޢަދަދު ޖަހައިގެން ޖުމްލަ އަގު ބަލާލެވޭނެ ކަމަށެވެ. އަދި މަސް ދަތުރަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ، ބޭނުންވާ ޕްލާންޓަކުން އައިސް ޕްރީއޯޑަރ ކުރެވޭނެ ކަމަށާއި އަދި އެއާއެކު އައިސް ލިބޭނެ ގަޑި އެނގޭނެ ކަމަށްވެސް ފެނަކަ އިން ބުނެ އެވެ.

ޕްރީއޯޑަރ ކުރުމުން އޯޑަރު ކުރި ޢަދަދާއި ޖުމްލަ އަގާއެކު ކޮންފަމޭޝަން މެސެޖެއް ލިބޭއިރު މި ހިދުމަތް މެދުވެރިކޮށް
ކުރީގެ އޯޑަރުތަކުގެ ތަފްސީލް ވެސް ބަލާލެވޭނެ އެވެ.

މިވަގުތު އައިސް ޕްލާންޓްތައް ހުރީ ޖުމްލަ 14 ރަށެއްގަ އެވެ. އެއީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ފ.ފީއަލި، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކޮލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ އަދި ސ.ހިތަދޫ އެވެ.

ފެނަކަ އިން ބުނީ މި ޚިދުމަތާއެކު، އައިސް ހޯދުމަށް މަސްވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި، މިހާރަށްވުރެ އިތުބާރާއި ޔަޤީންކަމާއެކު އައިސް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.