Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

އެމްއައިބީ ފޭދޫ އޭޓީއެމްގައި "ބޮޑުތަޅު" އަޅުވައިފި!

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އައްޑޫ ފޭދޫގައި ބަހައްޓާފައި ހުންނަ އޭޓީއެމް ނަގަން އުޅުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހުއްޓުވުމާ ގުޅިގެން ހިދުމަތްތައް މެދުކަނޑާލައި މެޝިން ހުރި ތަނުގައި "ބޮޑުތަޅު" އަޅުވައިފި އެވެ.

އެތަނުގެ ދޮރުގައި އިން ނޯޓިހެއްގައި އިނީ ރިނޮވޭޝަނަށް އޭޓީއެމް ބަންދުކުރީ ކަމަށާއި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށެވެ. އަދި ދޮރުގައި އިނީ ޗޭނުގަނޑެއް އަޅައި ބޮޑު ތަޅެއް އަޅުވައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ވިދާޅުވީ އެމްއައިބީން އުޅެނީ އެގްރިމަންޓާ ހިލާފަށް ފޭދޫގައި ހުރި އޭޓީއެމް ބަދަލުކުރަން ކަމަށެވެ. އެގޮތުން ފައިސާ ޖަމާކޮށް/ނެގޭ އެ މެޝިން ފޭދޫން ނަގަން މަސައްކަތްކުރުމަކީ މި އޭޓީއެމް ހާއްސަކޮށްފައިވާ ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގެ ކަސްޓަމަރުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.

އެމްއައިބީގެ އައްޑޫ ބްރާންޗް ހިންގަމުން އަންނަނީ ހިތަދޫގަ އެވެ. އެ ބްރާންޗް ހުޅުވީ 2014 އެވެ. އަދި ފޭދޫގައި އެމްއައިބީގެ އޭޓީއެމެއް ބެހެއްޓީ 2020 ގެ ކުރީކޮޅު އެވެ.

އެތަނުގައި މިއަދު "ބޮޑުތަޅު" އެޅުވި އިރު، މި އަހަރުގެ މާޗް މަހުގެ ފަހުކޮޅު ވެސް އެ މެޝިން ނަގަން އުޅުމުން ރައްޔިތުންތަކެއް ނުކުމެ ކަންބޮޑުވުން ފާޅުކުރި އެވެ. އެމްއައިބީން ބޭނުން ވަނީ ފޭދޫގައި މިހާރު ހުރި މެޝިން ހިތަދު އަށް ބަދަލުކޮށް ހަމައެކަނި ފައިސާ ނެގޭ މެޝިނެއް އެ އަވަށުގައި ބަހައްޓާށެވެ.

މިކަމާ ކަންބޮޑުވުންް ފާޅުކުރި މީހަކު ބުނީ މިހާރު ހުރި މެޝިންގެ ސަބަބުން ބޮޑު ފަސޭހައެއްވާ ކަމަށެވެ. ނަމަވެސް އެ މެޝިން ހަމައެކަނި ފައިސާ ނެގޭ އެއްޗަކަށް ބަދަލުކޮށްފި ނަމަ، ފައިސާ ޖަމާކުރަން ހިތަދު އަށް ދާން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފަކަށް ވާނެ ކަމަށެވެ.

އެމްއައިބީ އޭޓީއެމްގެ އިތުރުން ފޭދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެމް) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ އޭޓީއެމެއް ވެސް ހުރެ އެވެ. މި ހުރިހާ އޭޓީއެމްތަކެއް ވެސް ހުންނަނީ ފޭދޫ އަވަށު އޮފީސް ކައިރީގަ އެވެ.