Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ފުލުސް މީހާގެ އަދަބު ލުއިކުރަން ޕީޖީން ހައިކޯޓަށް

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އެއް އަހަރާއި ދެ މަހަށް ޖަލަށް ލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އެ ހުކުމް އިސްތިއުނާފް ކުރަން ނިންމީ އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. މި މައްސަލާގައި ދައުލަތުން އެދުނީ އަސާސީ އަދަބެއްގެ ގޮތުން ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތްކުރި ދޮންދިގު އަލަމްގީރާ އެކީ ގުޅުން ހިންގި ކަމަށް ކްރިމިނަލް ކޯޓްގައި އިއުތިރާފުވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެހެންވެ އޭނަގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާގެ ހުކުމް އަވަސް ނިޔާއެއްގެ ގޮތުގައި މިއަދު އިއްވަން އެ ދުވަހު ކޯޓުން ނިންމި އެވެ.

އެއްޖިންސުންް ގުޅުން ހިންގި މައްސަލާގައި ދޮންދިގަށް ޖަލު ހުކުމެއް އައި އިރު، އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ހުކުމްކުރީ މި މަހުގެ 15 ގަ އެވެ.

އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ދެން ދައުވާކޮށްފައި ވަނީ މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށެވެ.