Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އާޒިމާގެ ފާޑުކިޔުން ދައުލަތަށް: ތިއީ ލަދުވެތި އަމަލުތަކެއް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝުކޫރު: ފޮޓޯ - ވީނިއުސް

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އަށް އިއްވި ހުކުމް އިސްތިއުނާފް ކުރަން ނިންމި ނިންމުމަށް ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ފާޑުވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުން ބުނީ އެ ހުކުމް އިސްތިއުނާފް ކުރަން ނިންމީ އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. މި މައްސަލާގައި ދައުލަތުން އެދުނީ އަސާސީ އަދަބެއްގެ ގޮތުން ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. ނަމަވެސް ކޯޓުން މިއަދު ހުކުމް އިއްވީ އޭނާ އެއް އަހަރާއި ދެ މަހަށް ޖަލަށްލުމަށެވެ.

އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަހު ތާރީހެއްގައި އަލަށް ހުކުމެއް ބޮޑުވެގެން ދައުލަތުން އިސްތިއުނާފް ކުރަނީ ކަމަށާއި އަދި އެއީ ވެސް އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުން ސާބިތުވި މީހެއްގެ ހުކުމެއް ކަމަށެވެ. މިއީ ޒުވާން ޖީލަށް ދެވޭ ނުބައި މެސެޖެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާ މެދު ދައުލަތުން އަމަލުކުރި ގޮތުގެ ހަނދާން އާކުރައްވަމުން ދައުލަތުން ހިންގަމުން ދަނީ ލަދުވެތި އަމަލުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

އެއްޖިންސުންް ގުޅުން ހިންގި މައްސަލާގައި ދޮންދިގަށް ޖަލު ހުކުމެއް އައި އިރު، އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ހުކުމްކުރީ މި މަހުގެ 15 ގަ އެވެ.

އަލަމްގީރާ ގުޅުން ހިންގި މައްސަލާގައި ދެން ދައުވާކޮށްފައި ވަނީ މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށެވެ.