Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

ގޭންގުތަކުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ

ގޭންގުތަކުގެ ކުރިމަތީ ސަރުކާރުން ކުޑަކަކޫ ނުޖަހާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ގޭންގުތަކުގެ ކުށްތައް މިފަހަކަށް އައިސް އިތުރުވެފައިވާއިރު ދާދިފަހުން ތިން ފުލުހަކަށް ވެސް ގޭންގަކުން ވަނީ ހަމަލާދީފަ އެވެ. އެ ހަމަލާއާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިރޭ "ރާއްޖެޓީވީ" ގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ މި ސަރުކާރުން ގޭންގުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށާއި ނަމަވެސް މިއީ މުޖުތަމައުގެ ތެރޭގައި އެތައް އަހަރެއް ވަންދެން މޫލައި ހަރުލާފައިވާ މައްސަލައެއް ކަމުން އެކަމަށް ބޮޑު ބަދަލެއް ގެންނަން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.

މި ސަރުކާރު އައީވެސް އަދި ދެމި އޮންނާނީ ވެސް ގޭންގުތަކުގެ އެހީގައި ނޫން ކަމަށާއި މި ވާހަކަ ދައްކަނީ މަގުމައްޗަށް ނިކުންނައިރު އޭނާ އަށް ވެސް ހުރެދާނެ ނުރައްކާތައް އެނގި ހުރެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މި ސަރުކާރު އައީވެސް ދެމި އޮންނާނީ ވެސް އިތުރަށް ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާ ނުލާ. އެއީ މި ސަރުކާރުން ގެނައި އެންމެ ބޮޑު ބަދަލު." އިމްރާން ވިދާޅުވި އެވެ.

މީގެއިތުރުން އިމްރާން ވަނީ ގޭންގުތަކާ ނުލާ ކުރިއަށް ދިޔުމުގެ "ގަޓު" ސަރުކާރުގައި އެބަހުރި ކަމަށްވެސް ވިދާޅުވެފަ އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބޭއްވި "ވިއަވެތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ދެކުނުގެ ހަ އަތޮޅެއްގައި އެކަނި ވެސް 30 އަށް ވުރެ ގިނަ ގޭންގު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެތެރެއިން 13 ގޭންގް ހަރަކާތްތެރިވަމުން އަންނަނީ އައްޑޫގައި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ގޭންގު ކުށްތަކުގައި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި 32 މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.