Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން އަލުން ފަށަނީ

މޮނިކޮން އަމުރުގެ ދަށުން މީގެ ކުރިން ޓެގް އެޅުވި ބައެއް

އަންނަ މަހުން ފެށިގެން ކުށްވެރިންގެ ފައިގައި އަލުން ޓެގް އަޅުވަން ފެށޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ "ރާއްޖެޓީވީ" ގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ 100 މީހުންގެ ގައިގައި އަޅުވާނެ ޓެގް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި ޓެގް އަޅުވަން ފެށުމުގެ ކުރިން ކުރަންޖެހޭ ކަންކަން އަންނަ މަހުގެ މެދަށް ނުވަތަ އަންނަ މަހުގެ ފަހުކޮޅަށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ގާނޫނު މިހާރު އޮތް ގޮތުން ޓެގް އެޅުވެން އޮތީ މޮނިކޮން އަމުރު ނެރެވޭ ފަރާތްތަކަށް އެކަނި ކަމަށާއި ނަމަވެސް ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުގެ ތެރެއިން މޮނިކޮން އަމުރު ނެރެވޭ ފަރާތްތައް ފިޔަވައި އެހެން މީހުންގެ ފައިގައި ވެސް ޓެގް އެޅުވުމަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމާ ގުޅޭގޮތުން ބަންޑާރަ ނައިބާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ޓެގް އަޅުވަން ފެށުމުން ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް މުޖުތަމައުގައި ޖެހިލުންވާނެ ފަދަ ނުވަތަ އާންމު ރައްޔިތުންނަށް ވެސް އެކަމުގެ އިހުސާސްވާ ފަދަ ބަދަލެއް އަންނާނެ." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ގާނޫނުގެ ތެރެއިން މިހާރު ހުއްދަ ލިބޭ ފަރާތްތަކުގެ ފައިގައި އަންނަ މަހުން ފެށިގެން ޓެގް އަޅުވަން ފެށޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ. އަދި ގާނޫނަށް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ބަދަލު ގެނެވި އިތުރު ފަރާތްތަކުގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނު ދަށުން މީހުންގެ ފައިގައި ޓެގް އެޅުވޭނީ ހައި ކޯޓުން ނެރޭ އަމުރެއްގެ ދަށުންނެވެ. އަދި އެ އަމުރު ނެރުމަށް ހައި ކޯޓުގައި އެދެނީ ފުލުހުން ހޯމް މިނިސްޓަރަށް ދެންނެވުމުން މިނިސްޓަރު ނިންމަވާ ގޮތެއްގެ މަތީންނެވެ.

މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދެވޭނެ އެވެ. އަދި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލައި، މޮނީޓާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދެ އެވެ. އެގޮތުން އެ މީހުންގެ މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.

ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފެށުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.