Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ސަރުކާރު ދެން ވެސް ހޮވޭނީ ގޭންގުތަކާ ނުލާ

މި ސަރުކާރު އިތުރު ދައުރަކަށް ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާ ނުލާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ "ރާއްޖެ ޓީވީ" ގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ މި ސަރުކާރު އައީވެސް ދެމި އޮންނާނީ ވެސް ގޭންގުތަކުގެ އެހީއާއެކު ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މި ވާހަކަ ދައްކަނީ މަގުމައްޗަށް ނިކުންނައިރު އޭނާ އަށް ވެސް ހުރެދާނެ ނުރައްކާތައް އެނގި ހުރެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މި ސަރުކާރު އައީވެސް ދެމި އޮންނާނީ ވެސް އިތުރަށް ހޮވޭނީ ވެސް ގޭންގުތަކުގެ އެހީއާ ނުލާ. އެއީ މި ސަރުކާރުން ގެނައި އެންމެ ބޮޑު ބަދަލު." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި މާލޭގައި ހަރަކާތްތެރިވާ ގޭންގެއްގެ މެދުގައި މައްސަލަތައް ޖެހި ގޭންގު ރޫޅި ދެބައިވި ކަމަށާއި އެ މައްސަލަ ދިރާސާކުރުމުން ގޭންގުތަކުގެ ފަހަތުގައި ސިޔާސީ މީހުންނާއި ނުފޫޒުގަދަ މީހުން ތިބޭކަން އެނގުނު ކަމަށެވެ.

"އެހާ ހިސާބުން ގޭންގުތައް ހުއްޓުވުމަކީ ހަމައެކަނި ހޯމް މިނިސްޓްރީ އާއި ފުލުހުންނަށް ކުރެވޭނެ މަސައްކަތެއް ނޫންކަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް އެ ގޭންގާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ގެންނެވިން." އިމްރާން ވިދާޅުވި އެވެ.

އެ ޕްރެޒެންޓޭޝަން ބެއްލެވުމަށްފަހު ގޭންގުތަކާ ދެކޮޅަށް ޓާސްކްފޯހެއް އެކުލަވާލައި އެ ޓާސްކުފޯހުގެ މަސައްކަތް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ގެންދާ ގޮތަށް އެމަނިކުފާނު ނިންމެވި ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން އިމްރާން ވަނީ ގޭންގުތަކާ ނުލާ ކުރިއަށް ދިޔުމުގެ "ގަޓު" ސަރުކާރުގައި އެބަހުރި ކަމަށާއި މި ކުޑަކުޑަ ގައުމުގައި 30 އަށް ވުރެ ގިނަ ގޭންގު އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މިކަމަށް ހައްލު ގެންނާނެ ކަމަށާއި އެކަން ކުރުމަށްޓަކާ ވަރަށް ބައިވަރު މަސައްކަތްތައް ކުރަން ކުރިމަތީގައި އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.