ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ މައުސޫމްކަން ދައްކަން ކެތްމަދުވެފައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ވަރަށް ބާރު ސްޕީޑުގައި މިހާރު ދަނީ ކުރިއަށެވެ. އެގޮތުން އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ތާވަލުކޮށްފަ އެވެ.
ރޭ "ސަންގުޓީވީ" ގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ޔާމީން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް ރަށަކަށް ޔާމީން ވަޑައިގަންނަވަން ރޭވުމާއެކު އެމަނިކުފާނުގެ ޝަރީއަތް އަވަސްވާ ކަމަށެވެ. އެގޮތުން މެދުނުކެނޑި ޔާމީން ޝަރީއަތް އެއް ހަފްތާއެއްގައި ކުރިއަށް ގެންދިޔަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މިފަދަ ކަންކަން ކުރަމުންދަނީ މެންޓަލީ ޔާމީނަށް ގެއްލުން ދިނުމުގެ އިތުރަށް ނަފްސާނީ ގޮތުން އެމަނިކުފާނު ބަލިކަށި ކުރެވިދާނެ ކަމަށް ހީކޮށް ކަމަށެވެ.
"ރައީސް ޔާމީނަކީ ވަރަށް ހިތްވަރު ހުރި ބޭފުޅެއް. ރައީސް ޔާމީނަށް ކެރޭނެ ކަންކަމާ ކުރިމަތިލާން. އެމަނިކުފާނުގެ މައުސޫމްކަން ދައްކަން ކެތްމަދުވެފައި ހުރި ބޭފުޅެއް އެއީ." ޝުޖާއު ވިދާޅުވި އެވެ.
ޔާމީން މަސައްކަތް ކުރައްވަނީ ވަރުބަލިކަމެއް ނެތި ކަމަށާއި އެމަނިކުފާނުގެ ފަރާތްޕުޅުން އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލަ އެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.