Last Updated: April 24, 20:01
Wednesday, April 24, 2024
ޚަބަރު

ގާސިމަށް ކުޑައިމީސްކުރުން ލަދުވެތި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖޭޕީން މިހެން ބުނެފައިމިވަނީ މަސްވެރިންނަށް ހަމަ އަގު ނުލިބެނީ ފިޝަރީޒް މިނިސްޓްރީ ޖުމްހޫރީ ޕާޓީގެ މިނިސްޓަރަކު ހިންގާތީ ކަމަށް ވިދާޅުވެ މީގެކުރިން ޖޭޕީގައި ހުންނެވި އަދި މިހާރު ޕީއެންސީގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެންނެވެ.

ގާސިމްގެ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ސައީދު ވަނީ ޖޭޕީގެ އިތުރުން ގާސިމަށް ވެސް އެކި ފަހަރުމަތިން ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.

ރޭ "ވީޓީވީ" ގައި ވާހަކަދައްކަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ދައްކާ ވާހަކަތަކަށް ބަހުސް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ނަމަވެސް ގާސިމަށް ކުޑައިމީސްވާ ގޮތަށް އެއްވެސް ސިޔާސީ ބޭފުޅަކު ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"މިވަރަށް ދަންނަވާލީމަ ސައީދަށް އެނގިވަޑައިގަންނަވާނެ އެމަނިކުފާނު ގާސިމް އިބްރާހިމަށް ކުރައްވަންޖެހޭ އިހުތިރާމާއި ގަދަރު ކިހާ މިންވަރެއްގައިކަން ހިފަހައްޓަވަން ޖެހޭނީ." އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ ގާސިމާއި ދިމާލަށް ކުޑައިމީސްކޮށް ބަހެއް ބުނެވޭ ވަރުގެ މީހެއް ސިޔާސީ މަސްރަހުން ނުފެންނަ ކަމަށާއި ސިޔާސީ ގޮތުން އެއްވެސް އެއްޗެއް ދަންނަ މީހަކު ގާސިމާއި ދިމާލަށް ކުޑައިމީސްކޮށް ބަހެއް ނުބުނާނެ ކަމަށެވެ. އަދި ސިޔާސީ ކަންކަމަކީ ވަކި ގޮތަކަށް އަމާޒުކޮށްގެން ކުރަންޖެހޭ ކަމެއް ކަމަށާއި މީހުންގެ އަބުރު ކަތިލުމަކީ ސިޔާސީ ގޮތުން ކުފޫ ހަމަވާ މީހުން ކުރާ ކަހަލަ ކަންތައްތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އަޒްލީން ވަނީ މިއީ ތަހުޒީބު ވެފައިވާ މުޖުތަމައުއެއް ކަމަށާއި އެހެން މީހުން އަގުވައްޓާނުލާ ސިޔާސީ ކަންކަން ކުރެވޭނެ ދުވަހަކަށް އިންތިޒާރު ކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ޖޭޕީގެ ވަޒީރުންނަކީ ހަވާލުކުރެވިފައިވާ ވާޖިބު އަދާކުރައްވާ ވަޒީރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.