Last Updated: June 9, 07:00
Friday, June 9, 2023
ދުނިޔެ

ބޯ ނިވާނުކުރުމުން އިންޓަވިއު ނުދިން

ބޯ ނިވާކުރަން ދެކޮޅު ހެދި ސީއެންއެންގެ ނޫސްވެރިއަކަށް އިންޓަވިއު ދޭން އިރާންގެ ރައީސް އިބްރާހިމް ރައީސީ ދެކޮޅު ހަދައިފި އެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަން އެމެރިކާ އަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސީއާ އިންޓަވިއު ކުރަން ހަމަޖެހިފައި އޮތީ ސީއެންއެންގެ މަޝްހޫރު ނޫސްވެރިޔާ ކްރިސްޓިއަން އަމަންޕޯ އެވެ.

އަމަންޕޯ ބުނީ އިންޓަވިއު އަށް ތައްޔާރުވެފައިވަނިކޮށް ރައީސީގެ އެދުމަކަށް ބޯ ނިވާކުރަން އޭނާގެ އެހީތެރިއަކު އައިސް އެންގި ކަމަށާއި ބޯ ނިވާ ނުކުރާނަމަ އިންޓަވިއު ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އެންގި ކަމަށެވެ. އަދި މިއީ އިހުތިރާމް އަދާކުރުމުގެ ގޮތުން ކުރަން އެންގި ކަމެއް ކަމަށް އަމަންޕޯ ބުންޏެވެ.

ނަމަވެސް ބޯ ނިވާކުރުމާ ގުޅޭ އެއްވެސް ގާނޫނެއް އެމެރިކާގައި ނެތްއިރު އެކަން ކުރަން ދެކޮޅު ހަދައި އެންމެފަހުން އިންޓަވިއު ނުކުރަން ނިންމީ ކަމަށް އަމަންޕޯ ބުނެފައިވެ އެވެ. އަމަންޕޯ ވަނީ މީގެކުރިން އިރާނުން ބޭރުގައި އިންޓަވިއު ކުރި އެގައުމުގެ އެއްވެސް ރައީސަކު ބޯ ނިވާކުރަން އޭނާ އަށް އަންގާފައި ނުވާ ކަމަށްވެސް ބުނެފަ އެވެ.

ރައީސީއާ އިންޓަވިއު ކުރަން ސީއެންއެން އިން މަސައްކަތް ކުރީ އިރާނުގައި ބުރުގާއާ ގުޅޭގޮތުން އަމަލުކުރަމުން އަންނަ އުސޫލާ ހިލާފުވެގެން ޖަލަށްލީ އުމުރުން 22 އަހަރުގެ ޒުވާން އަންހެނަކު މަރުވެ އެގައުމުގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ޒުވާނާ މަރުވީ ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުން އޭނާގެ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ޒުވާނާގެ މަރާއި ގުޅިގެން މެދުނުކެނޑި އިރާނުގައި މުޒާހަރާ ކުރަމުން އަންނަތާ ހަތް ދުވަސްވެފައިވާއިރު މުޒާހަރާތައް މިހާރު ވަނީ އެގައުމުގެ 80 ސިޓީ އާއި އަވަށަކަށް ފުޅާވެފަ އެވެ. އެ މުޒާހަރާތަކުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 17 މީހަކު ވަނީ މަރުވެފަ އެވެ.