Last Updated: April 26, 15:02
Friday, April 26, 2024
މުނިފޫހިފިލުވުން

އޮކްޓޯބަރު 14 އަށް ތިން ފިލްމެއް

އަންނަ މަހުގެ 14 ވަނަ ދުވަހަކީ ބޮލީވުޑަށް ބޮޑު ދުވަހަކަށް ވާނެ އެވެ. އެ ދުވަހު ތިން ފިލްމެއް ރިލީޒްކުރަން ތާވަލުކޮށްފައިވާ އިރު، މިއީ ބޮކްސް އޮފީހުގައި ވެސް "ބޮޑު ތަޅާލުންގަނޑަކަށް" ވެސް ހިނގައިދާނެ ދުވަހަކަށް ވެދާނެ އެވެ. އެހެންވެ ސުވާލަކީ މި ތިން ފިލްމުގެ ތެރެއިން ކުރި ހޯދާނީ ކޮން ފިލްމެއްތޯ އެވެ؟

އޮކްޓޯބަރު 14 އަށް ތާވަލުކޮށްފައި އޮތް ތިން ފިލްމަށް ބަލާ އިރު، މިއީ މަޝްހޫރު ތަރިންތަކެއްގެ ތަފާތު ޖޯންރާތަކެއްގެ ފިލްމުތަކެއް ވެސް މެ އެވެ. އެހެންވެ ފަހަރުގައި ތިން ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ ތިން ފިލްމަށް ވެސް ވެދާނެ އެވެ.

* ޑޮކްޓަރު ޖީ

އަންނަ މަހުގެ 14 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ޑޮކްޓަރު ޖީ" އަކީ އަޔޫޝަމް ކްރާނާ އަންހެނުންގެ ޑޮކްޓަރެއްގެ ރޯލު ކުޅެފައިވާ ފިލްމެކެވެ. ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ މި އެކްޓަރަކީ އަބަދު ވެސް ވަރަށް ތަފާތު ކޮންޓެންޓްގެ ފިލްމުތައް ކުޅޭ ތަރިއަކަށްވާތީ މި ފިލްމަށް ކުރެވޭ އުންމީދުތައް ބޮޑެވެ.

"ޑޮކްޓަރު ޖީ" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަނޫބްތީ ކޭޝަޕް ޑައިރެކްޓްކުރި ކޭމްޕަސް މެޑިޖަލް ކޮމެޑީއެކެވެ. މި ފިލްމުގެ ބަތަލާ އަކީ ރަކުލް ޕްރީތު ސިންގް އެވެ.

* ޑަބަލް އެކްސްއެލް

މި ފިލްމަކީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވާ ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މި ކޮމެޑީ އަކީ ކުރީގެ ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ "ޕަތީ ޕަތުނީ އޯރް" ގެ ރިމޭކް 2019 ގައި ގެނެސްދިން މުދައްސަރު އަޒީޒު ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

އިނގިރޭސިވިލާތުގައި އެއްކޮށްހެން ޝޫޓްކުރި "ޑަބަލް އެކްސް" އާދަޔާހިލާފު ފަލަ ދެ އަންހެނަކަށް އޭގެ ސަބަބުން ކުރިމަތިވާ ހެއްވާ މަޖާ ކަންތައްގަނޑެއް ފެނިގެންދާނެ އެއްޗެކެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ހުމާ ގްރޭޝީ އާއި ސަތުރަމް ރަމާނީ ވެސް ހިމެނެ އެވެ.

* ކޯޑް ނޭމް: ތިރަންގާ

ވަތަނީ ފިލްމެއްގެ ގޮތުގައި އަންނަ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަ "ކޯޑް ނޭމް: ތިރަންގާ" އަކީ ޕަރިނީތީ ޗޯޕްޅާ އެކްޝަން ރޯލަކުން ފެންނާނެ އެއްޗެކެވެ. މީގެ ބަތަލަކީ މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ހާޑީ ސަންދޫ އެވެ.

ޓީ ސީޒީޒުން ޕްރޮޑިއުސްކުރި ފިލްމުގެ ވަރަށް ބޮޑު ބައި ތުރުކީގައި ޝޫޓްކޮށްފައިވާ އިރު މީގެ ޑައިރެކްޓަރަކީ ރިބޫ ދާސްގުޕްތާ އެވެ. އޭނަ އަކީ މިދިޔަ އަހަރު ރިލީޒްކުރި ޕަރިނީތީގެ "ދަ ގާލް އޮން ދަ ޓްރެއިން" ގެ ވެސް ޑައިރެކްޓަރެވެ.

އޮކްޓޯބަރު 14 އަށް ތިން ފިލްމެއް ތާވަލުކޮށް، އޭގެ ޕްރޮމޯޝަންތައް މިހާރު ކުރިއަށްދާ އިރު، ފަހަރުގައި މީގެ ތެރެއިން ބައެއް ފިލްމުތަކުގެ ތާރީހަށް ބަދަލު އައުމަކީ ވެސް ވުން ގާތް ކަމެކެވެ. މީގެ ކުރިން ވެސް މިފަދަ މުޑިއެރުންތަކާ ހެދި އެފަދަ ބަދަލުތަސއް ގެނައުމަކީ ބޮލީވުޑްގައި ހަމަ ވަރަށް އާންމު ކަމެކެވެ.